ތާރީހް

މާލޭ މުނިސިޕަލްޓީގެ ތާރީޚް

މާލޭގައި އެންމެ ފުރަތަމަ މުނިސިޕަލް އޮފީހެއް އުފެދުނީ 1 ޖުލައި 1956 ގައެވެ. އެއީ އޭރުގެ ވަޒީރުލްއަޢުޡަމް އަލްފާޟިލް އިބްރާހީމް ނާޞިރު ރައްޔިތުންގެ މަޖްލިހަށް ހުށަހެޅުއްވި ބިލް ފާސްވެ، ކީރިތި މަހާރަދުން 1 ޖުލައި 1956 ގައި ބިލް ތަޞްދީޤު ކުރެއްވުމާއި ގުޅިގެންނެވެ.
މުނިސިޕަލް އޮފީހުގެ ފުރަތަމަ ރައީސަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ އެވެ. އެމަނިކުފާނު ރައީސްކަން ކުރައްވާފައިވަނީ 14 މާޗް 1957 އިން 3 ޖެނުއަރީ 1958 އަށެވެ. އޭގެފަހުން މުނިސިޕަލް އޮފީހުގެ ރައީސްކަން ކުރައްވާފައިވަނީ އައްނަބީލް މަލިން މުޙަންމަދު ދީދީ އެވެ. އެ މަނިކުފާނު ރައީސްކަން ކުރެއްވި 3 ޖެނުއަރީ 1958 އިން 11 ފެބްރުއަރީ 1960 އަށެވެ. އެއަށްފަހު އަލްފާޟިލް ޢަބްދުލްމަޖީދު މާހިރު 11 ފެބްރުއަރީ 1960 އިން 1 ސެޕްޓެމްބަރ 1961 އަށް ރައީސްކަން ކުރައްވާފައިވެއެވެ. މިހުރިހާ ބޭފުޅުންވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެދުވަސްވަރާ ގުޅޭ އެންމެ އެކަށީގެންވާ ފެންވަރެއްގައި ޚިދްމަތް ކުރައްވާފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. މިހާހިސާބުން މުނިސިޕަލް އޮފީސް އުވި އަހަރުތަކެއް ވޭތުވެދިއުމަށްފަހު، މާލޭގައި ދިރިއުޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތްކުރާ ރާއްޖެތެރޭގެ މީހުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ އެހެނިހެން ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި “މާލޭ މުނިސިޕަލްޓީ” ގެ ނަމުގައި މި އޮފީސް އުފެއްދެވީ 1 ސެޕްޓެމްބަރ 1982  ގައެވެ.

މިހާތަނަށް އައި އިރު ދުވަހެއް ދުވަހަކަށް މުނިސިޕަލްޓީގެ ދާއިރާ ފުޅާވެ ދެވޭ ޚިދްމަތްތަކުގެ ފެންވަރުވަނީ ރަގަޅުވެފައެވެ. މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަލްފާޟިލް ޢުމަރު ޒާހިރު، އަލްފާޟިލް ކޮލި ޙަސަން އަޙްމަދުމަނިކު، އަލްފާޟިލް އަޙްމަދު ޝަރީފު، އަލްފާޟިލް ޢަލީ ޙުސައިންދީދީ އަދި އަލްފާޟިލް ޢަބްދުﷲ ސަލީމެވެ. މިއިން ކޮންމެ ބޭފުޅަކުވެސް ވަނީ މުނިސިޕަލްޓީއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. މާލެ މުނިސިޕަލްޓީގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި އަލްފާޝިލް އާދަމް މަނިކު އެ މަޤާމަށް ހަމަޖައްސަވާފައިވަނީ 11 ޑިސެމްބަރު 2008 ގައެވެ.

މިހާތަނަށް މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވި ބޭފުޅުން

  • އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީ 1957- 1958
  • އައްނަބީލް މަލިން މުޙަންމަދު ދީދީ 1958-1960
  • އަލްފާޟިލް ޢަބްދުލްމަޖީދު މާހިރު 1960- 1961
  • އަލްފާޟިލް ޢުމަރު ޒާހިރު 1982-1983، 1989- 1993
  • އަލްފާޟިލް ކޮލި ޙަސަން އަޙްމަދުމަނިކު 1995-1993
  • އަލްފާޟިލް އަޙްމަދު ޝަރީފް 1996-2001
  • އަލްފާޟިލް ޢަލީ ޙުސައިންދީދީ 2005-2007
  • އަލްފާޟިލް ޢަބްދުﷲ ސަލީމް 2007-2008