މާލެ ސިޓީގެ މޭޔަރ. ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރާ04 އޮކްޓޯބަރ 2022


އަމީނީމަގު ހަދަމުންދާގޮތުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ: މޭޔަރު މުޢިއްޒު

އަމީނީމަގު ހަދަމުންދާގޮތުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަ ކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން މޭޔަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމަށާއި މިކަމުގެ ސަބަބުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަ ކަމަށެވެ. އަދި ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލްޓްރޭ" ވެސް ހަދަމުން ދަނީ ބިމުން މަތީގައި ކަން މޭޔަރުގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

އަމީނީމަގުގެ މަސައްކަތާއި ގުޅޭގޮތުން މޭޔަރު މިފަދައިން ވިދާޅުވެފައިވާއިރު މޭޔަރު މުޢިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގެވުމުގައި ވަނީ ނަތީޖާ ނެރެދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ މަގު ހެދުމުގެ މަޝްރޫޢު އަކީ ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫޢުއެކެވެ.

އެހެން ނަމަވެސް 4 ވަނަ ދައުރުގެ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލް އިންތިޚާބުވެ އެދެވޭ ހެޔޮ ބަދަލުތަކާއިއެކު 39 މިލިއަން ރުފިޔާއަށް މި މަޝްރޫއު ނިންމޭނެކަމަށް ކަނޑައަޅާފައިވަނިކޮށް ސަރުކާރުން ވަނީ މި މަޝްރޫޢު މާލެ ސިޓީ ކައުންސިލްގެ އަތުން އަތުލައި، ކުރިން މި މަޝްރޫޢު ހިންގުމަށް އެއްބަސްވެފައިވާ އަގުގެ އެތައްގުނައެއް އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށް އާރްޑީސީ އާއި ހަވާލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލާއި އާރްޑީސީ އާއި ދެމެދު ހެދިފައިވާ އެއްބަސްވުމާއި ޚިލާފަށް މާލޭގެ މަގުހެދުމުގެ މަޝްރޫޢު ކައުންސިލް އަތުން އަތުލާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަޝްރޫޢު ކުރިއަށް ގެންދަވާތީ ކައުންސިލުން ވަނީ މިކަމުގެ ކަންބޮޑުވުން ކަމާއި ގުޅުންހުރި އިދާރާތަކަށްވެސް ހުށަހަޅާފައެވެ.

އަމީނީމަގު ހަދަމުންދާއިރު އެމަގުގައިހުރި ގަސްތައްކަނޑަމުންދާ މައްސަލައާއި ގުޅިގެންވެސް އާރުޑީސީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި ފާޑު ކިޔުންތަކާއި އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިކަމުގައި އެހީތެރިކަން ދިނުން މާލެ ސިޓީކައުންސިލުން ވަނީ ހުއްޓާލާފައެވެ.