މާލެ ސިޓީ ކައުންސިލުން ކެއަރ ސޮސައިޓީއާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ05 އޮކްޓޯބަރ 2022


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކެއަރ ސޮސައިޓީއާ އެކު މާލެ ސިޓީކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މުއައްސަސާތަކާއި އެކު މަޝްވަރާކުރުމުގެ ގޮތުން ކެއަރ ސޮސައިޓީއާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކައުންސިލުން ކޮށްދެވޭނެ ކަންކަމާއި މެދު މަޝްވަރާކުރައްވާ އެފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކެއަރ ސޮސައިޓީގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިސްކިތްތަކުގައި ރޭމްޕް ހުރިކަމަށްވިޔަސް ކާޕެޓް އަޅާފައި ހުރުމުން ބައެއް ދަތިތަކާއި ކުރިމަތިވާކަމަށް ފާހަގަކުރެއްވިއެވެ. އަދި މިސްކިތްތަކުގައި ޓީވީ ފަދަ ވަސީލަތްތައް ނެތުމުން ޑެފް އެސޯސިއޭޝަންގެ ކުދިންނަށް ބަންގި ގޮވާކަން ދެނެގަންނަން އުނދަގޫކަމަށާއި، މިސްކިތްތަކުގައި އާދައިގެ ވީލްޗެއަރ ހުރުމަކީ މުހިންމު ކަމެއްގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ކެއަރ ސޮސައިޓީއާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

މިކަންކަމާއި ގުޅިގެން މޭޔަރު މުޢިއްޒު ވިދާޅުވީ ހުރިހާ ފަރާތްތަކަކަށްވެސް ދަތިކަމެއްނެތި މިފަދަކަންކަން ކޮށްދެއްވުމަކީ މާލެ ސިޓީ ކައުންސިލުން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމެއްކަމުގައެވެ. އަދި މިފަދަތަނަކަށް މާލެ ސިޓީ ހެދުމަކީ މުހިންމު ކަމެއްކަމަށާއި ކުރިއަށްއޮތްތަނުގައިވެސް މިކަންކަމަށް އިސްކަން ދެއްވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާއެވެ. އަދި ކެއަރ ސޮސައިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައިވަނީ ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު އާތިފް އާއި ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް އަފްރާހު މޫސާގެ އިތުރުން ޕްރޮގްރާމް ޕްރޮޖެކްޓް ކޯޑިނޭޓަރ ހައިފާ ނަސީމްއެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ ކުރިއަށްއޮތް 2 މަސް ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި އަޅާފައިހުރި ކާޕެޓްތައް ނެގުމަށްފަހު ނޮވިލޯން އެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިއީ މާލެ ސިޓީކައުންސިލުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށާއި، މިކަމުގައި ކައުންސިލްގެ ފަރާތުން ދެއްވެންއޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށެވެ.

މީގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިސްކިތްތަކަށް ވަދެވޭނެހެން ރޭމްޕް އެޅުމުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ކުރިއަށް ދާނެކަމަށެވެ.

މި ބައްދަލުވުމުގައި މޭޔަރު ވަނީ މިފަދަ ކަންކަން ހައްލުކުރުމަށްޓަކައި މުއައްސަސާތަކާއި ސިޓީ ކައުންސިލާއި ދެމެދު މަޝްވަރާކުރެވޭނެ ފޯކަލް ޕޮއިންޓެއް ބެހެއްޓުން މުހިންމުކަމަށާއި މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން މިފަދަ ކަންކަމުގައި ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެފަރާތްތަކަށް ދެއްވާފައެވެ.