މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް05 އޮކްޓޯބަރ 2022


މާލެ ސިޓީ އަކީ "ކެއަރިންގ"ސިޓީ އަކަށް ހެދުމަށް މޭޔަރު މުޢިއްޒު ގޮވާލައްވައިފި

މާލެ ސިޓީ އަކީ އެކަކު އަނެކަކަށް އަޅާލާ "ކެއަރިންގ" ސިޓީ އަކަށް ހެދުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ އަކީ ހުރިހާ ފަރާތްތަކަށް ވެސް ދިރިއުޅެން ފަހި ދިރިއުޅެން މަރުހަބާކިޔާ "އިންކްލޫސިވް" ސިޓީ އަކަށް ހެދުމަކީ އެންމެން އެއްކޮށް މަސައްކަތްކޮށްފި ނަމަ ހާސިލް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަންދޭ މުޖްތަމަޢުއަކަށް މާލެ ސިޓީ ހަދަން މަސައްކަތް ކުރެއްވުމަށް މޭޔަރު ވަނީ އެދިވަޑައިގަންނަވާފައެވެ.

މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މުއައްސަސާތަކާއި އެކު މަޝްވަރާކުރުމުގެ ގޮތުން ކެއަރ ސޮސައިޓީއާ އެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެންނެވެ.

މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކައުންސިލުން ކޮށްދެވޭނެ ކަންކަމާއި މެދު މަޝްވަރާކުރައްވާ އެފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާޞިރު އަދި މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާއެވެ. އަދި ކެއަރ ސޮސައިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައިވަނީ ކެއަރ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު އާތިފް އާއި ޕްރޮޖެކްޓް ކޯޑިނޭޓަރ މަރިޔަމް އަފްރާހު މޫސާގެ އިތުރުން ޕްރޮގްރާމް ޕްރޮޖެކްޓް ކޯޑިނޭޓަރ ހައިފާ ނަސީމްއެވެ.