މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ހުޅުވުމުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލް އިދާރާ08 އޮކްޓޯބަރ 2022


މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އާންމުންނަށް ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި އައުޓްލެޓް "މާލެ ފެހި" އާންމުންނަށް ހުޅުވާލައިފިއެވެ. ހޮނިރުދުވަހުގެ ރޭ ބޭއްވުނު މި ހަފްލާގައި "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވުން.

މިރޭ ހުޅުވިގެން ދިޔަ "މާލެ ފެހި" އައުޓްލެޓުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

"މާލެ ފެހި" ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ "އެއްލައްކަ ގަސް" ޕްރޮގްރާމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށެވެ.

މިއީ މާލެ ސިޓީ ކައުންސިލުން މިހާރު މިކުރިއަށްގެންދާ "އެއްލައްކަ" ގަސް ޕްރޮގްރާމްގެ ތެރެއަށް އިތުރުވި ބޮޅެއް

މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ހުޅުވުމުގެ ތެރެއިން.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށާޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫޢުއެއް ކަމަށާއި،އެގޮތުން އާންމުންނަށް ގަސް ގަނެވޭނެގޮތަށް ހެދުމުގެ ބޭނުމަކީ މާލެ ފެހިކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވެގެންދާނެ ގޮތަށް އެކަން ކުރުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ގޭގައި އަދި ގޯތިތެރޭގައި ގަސްހެއްދުމަށް ބޭނުންވާ ފަރާތްތަކަށްވެސް ފުރުޞަތުލިބިގެން ދާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

"މާލެ ފެހި" އައުޓްލެޓް ގައި ގަސް އިންދާހެއްދުމަށް ބޭނުންވާ ބާވަތްތައްވެސް ލިބެންހުންނާނެ.

"މާލެ ފެހި" އައުޓްލެޓް ހުޅުވާލެވުނުއިރު 25 ބާވަތެއްގެ ގަހާއި ގަސްހެއްދުމަށް ބޭނުންވާ އެކި ސާމާނު ލިބެންއެބަހުއްޓެވެ. އަދި މިއާއިއެކު މާލެ ސިޓީގެ "އެއްލައްކަ ގަސް" ޕްރޮގްރާމް ވެސް އިތުރަށް ފުޅާވެގެން ދާނެކަމުގައި މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީގެ މައިޒާން ތަކާއި ޕާކުތައް ފެހި ކުރުމުގެ ގޮތުން ގަސް އިންދުމާއި ވިނަ އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށާއި، މި ޕްރޮގްރާމަށް އަތޮޅު ކައުންސިލް ތަކުގެ އެހީތެރިކަންވެސް ލިބިގެންދާކަމަށެވެ.

މޭޔަރު ވިދާޅުވީ މިހާރުވެސް އެކި ފަރާތްތަކުން ގަސްތައް ގަތުމަށް އެދެމުންދާކަމަށާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލަށްވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވެގެންދާނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު މީޑިއާތަކަށް މަޢުލޫމާތު ދެއްވަނީ.

މި ޕްރޮގްރާމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހިކުރުމުގެ ގޮތުން ކުރިއަށްދާ މަޝްރޫޢުއެއް ކަމުން މިކަމަކީ މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް ބަލައިގަންނާނެ ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދާ ފެހިކުރާ ބައެއް ކަމަށާއި، ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން ކަމަށާއި، އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަޅުގަނޑު މެންނަކީ ގަސް އިންދާ ފެހިކުރާ ބައެއް. އަޅުގަނޑުމެންނަކީ ގަސް ކަނޑާ، ގަސްތަކާއި ދުރުބައެއްނޫން. އިރާދަކުރެއްވިއްޔާ މާލެ ސިޓީ އަކީ ގްރީން ސިޓީއަކަށް ހެދުމަށް މަސައްކަތް ކުރާނަން

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކައުންސިލަރ އަބްދުﷲ ނާޞިރު އަށާއި ގަސް ކޮމެޓީގެ ހުރިހާ މެމްބަރުންގެ އިތުރުން މި މަސައްކަތުގައި އުޅޭ ކައުންސިލްގެ ހުރިހާ މުވައްޒަފުންނަށް މޭޔަރު ވަނީ ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ހުޅުވުމުގެ ތެރެއިން.

މާލެ ފެހި ފިހާރަ ހުޅުވާފައި ހުންނާނީ:

ހެނދުނު 8:30 އިން މެންދުރު 12:00 އަށް

މެންދުރު ފަހު 2:00 އިން 6:00 އަށް

ރޭގަނޑު 8:00 އިން 10:00 އަށް

މާލޭ ސިޓީ ކައުންސިލުގެ ގަސް ކޮމެޓީން ގެންނަ ގަސްތަކުގެ މަސައްކަތްތަކަށް ހަމައެކަނި ޚަރަދު ކުރުމުގެ ބަދަލުގައި އެގަސްތަކަށް ކުރާ ޚަރަދާ އެއްވަރުގެ އާމްދަނީއެއް ލިބޭނޭ އިންތިޒާމެއް ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެންނާތީ އާއި ގެނެވޭ ގަސް ވިއްކައިގެން، ކައުންސިލަށް އާމްދަނީ ހޯދޭނޭ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު، މިކަން ކުރަންވީ ގޮތުގެ އުސޫލު ލިޔެވި ކައުންސިލުން އެންޑޯޒް ކުރުމަށްފަހު ކުރިއަށް ގެންދިއުމުގެ ގޮތުން "މާލެ ފެހި" އާންމުންނަށް ހުޅުވާލުމަށް މާލެ ސިޓީ ކައުންސިލްގެ 68 ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.