މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މާލެ ސިޓީ ކައުންސިލް އިދާރަ17 ޖަނަވަރީ 2023


އިރާދަކުރެއްވިއްޔާ ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭނީ ރައްޔިތުން އެދޭގޮތަށް: މޭޔަރު މުޢިއްޒު

މާލޭ ސިޓީ ކައުންސިލުން އަންނަ ފެބްރުއަރީ މަހު ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ބަގީގެ ޚިދުމަތް ދެމުން ގެންދާނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

‏17 އޯގަސްޓް 2022 ގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ފަދައިން ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވި ފެބްރުއަރީ މަހުގެ ކުރީކޮޅު މި ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.

މި ޚިދުމަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޭޔަރު މުޢިއްޒު ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި، ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

މޭޔަރު ވިދާޅުވީ އިރާދަކުރެއްވިއްޔާ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް ކަމަށެވެ.

އިރާދަކުރެއްވިއްޔާ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް

ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ގެނެވޭ ބަގީތަކުގެ ތެރޭގައި، މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭގޮތަށް ހެދިފައިވާ ބަގީ އާއި، ކުއްލި ޙާލަތް ތަކުގައި އިމަރޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ ބަގީ ހިމެނޭނެއެވެ. ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ގެނެވޭ ބަގީތަކުގެ ތެރޭގައި، އަދި 4 ސީޓުގެ ބަގީ އާއި، 6 ސީޓުގެ ބަގީގެ އިތުރުން 12 މީހުންގެ ކެޕޭސިޓީ ހިމެނޭ ބަގީ ހިމެނޭނެއެވެ.