މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމް މޭޔަރ މުޢިއްޒު އިފްތިތާޙް ކޮށްދެއްވުން.

މާލެސިޓީ ކައުންސިލް އިދާރާ12 މާޗް 2023


ޒުވާނުންނަށް ޚާއްޞަކޮށް މާލެސިޓީ ކައުންސިލުން ކުރިއަށްގެންދާ "ފަންނުވެރިޔާ" ޕްރޮގްރާމް މޭޔަރ މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފި

ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން "ފަންނުވެރިޔާ" ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ 20:30 ގައި ސަސްކެފޭގައި ބޭއްވި ޙަފްލާއެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ.

"ފަންނުވެރިޔާ" ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ފުރަތަމަ ބެޗްގައި މިހާތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި ވޯކްޝޮޕް އިފްތިތާޙް ކޮށްދެއްވަމުން މޭޔަރ ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން ކަމަށާއި،އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތް ނެތިފައި ތިބި ޒުވާނުންނަށް ފުރުޞަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުންވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ ޒުވާނުންނަކީ ފުދުންތެރިބަޔަކަށް ހެދުން. ވަޒީފާ އަދި އާމްދަނީ ލިބޭނެ ގޮތް މާލެ ސިޓީ ގައި ހޯދައިދިނުމަށް މަސައްކަތް ކޮށްދިނުން. ޒުވާނުންނަކީ މާލެ ސިޓީގެ ކުރިމަގުގައި އަދި އެންމެހާ ކަންތައްތަކުގައި ވަރަށް މުހީއްމު ދައުރެއް އަދާ ކުރާނެ ބަެއެއް. އެގޮތުން އާމްދަނީ އެއް ހޯދޭނެ ގޮތެއް ނެތިފައި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ފަހި ކޮށްދޭން މާލެ ސިޓީ ކައުންސިލުން ބޭނުން

މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ "ފަންނުވެރިޔާ" ޕްރޮގްރާމްގެ ބައިވެރިންނާއި މޭޔަރ މުޢިއްޒު މުޚާތަބު ކުރައްވަނީ.

މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ "ފަންނުވެރިޔާ" ޕްރޮގްރާމް އާއި ގުޅޭގޮތުން ފެސްޓިވޯ އިންސްޓިޓިއުޓްގެ ޗެއާރމަން ޢަލީ އާމިރު ވިދާޅުވީ މާލެސިޓީ ކައުންސިލުން ފެސްޓިވޯ އަށް އިތުބާރުކޮށް މިފަދަ ފުރުޞަތެއް ދެއްވިކަމަށްޓަކާ ޝުކުރުދަންނަވާ ކަމަށާއި، ވަރަށް ރަނގަޅު ވަރަށް އުފެއްދުންތެރި ޒުވާނުންތަކެއް މި ޕްރޮގްރާމްގެ ދަށުން މުޖްތަމަޢުއަށް ނެރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ވޯކްޝޮޕެކޭ ދެންނެވިޔަސް މިއީ އެއްމަސް ދުވަހަށް ދެމިގެންދާ ވަރަށް ރަނގަޅު އެކަޑެމިކް ފައުންޑޭޝަންއެއް.އިންޓީރިއާ ޑިޒައިން، ގްރެފިކް ޑިޒައިން، އަދި ފެޝަން ޑިޒައިންގެ އިތުރުން މަލްޓިމީޑިއާގެ ޕްރޮގްރާމްތަކާއި، ފޮޓޯގްރަފީވެސް ހިމެނޭނެ

އާމިރު ވިދާޅުވިއެވެ.

ފެސްޓިވޯ އިންސްޓިޓިއުޓްގެ ޗެއާރމަން ޢަލީ އާމިރު.

"ފަންނުވެރިޔާ" ޕްރޮގްރާމަކީ މުސްތަޤުބަލްގައި އިންޓީރިއާ ޑިޒައިން، ގްރެފިކް ޑިޒައިން، އަދި ފެޝަން ޑިޒައިންގެ އިތުރުން މަލްޓިމީޑިއާގެ ޕްރޮގްރާމްތަކާއި، ފޮޓޯގްރަފީ ދާއިރާތަކުން މަތީތަޢުލީމު ޙާސިލްކުރަން ބޭނުންވާ ޒުވާނުންނަށް ވަރަށް މުހިންމު ފުރުޞަތެއްކަމުގައި އާމިރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް "ފަންނުވެރިޔާ" ގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕަކީ އެއްވެސް ފީ އަކާއި ނުލާ ހިލޭ ސާބަހަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވޯކްޝޮޕެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުން ފާހަގަކުރިގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ ހުނަރުހުރި ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުގެ ބޭނުން ހިފުމަށް ހުޅުވާލެވުނު ފަހި ފުރުޞަތެކެވެ. އަދި ޒުވާނުންނަށް ޚާއްޞަކޮށް މާލެސިޓީ ކައުންސިލުން މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާކަމަށްޓަކާ ވަރަށްއުފާ ކުރާކަމަށާއި، އެކަމަށްޓަކާ މޭޔަރ މުޢިއްޒު އާއި ކައުންސިލަށް ވަރަށްބޮޑަށް ޝުކުރުދަންނަވާ ކަމުގައި ބައިވެރިން ބުނެފައިވެއެވެ.

ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދިނުމުގެ ގޮތުން ޒުވާނުންނަށް ޚާއްޞަކޮށް ޔޫތް ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަކީ މާލެސިޓީ ކައުންސިލްގެ މިދައުރަށް އެކުލަވާލާފައިވާ އެކްޝަންޕްލޭންގައި ހިމަނާފައިވާ ކަމެކެވެ. އެގޮތުން "ފަންނުވެރިޔާ" ޕްރޮގްރާމް ކުރިއަށް ގެންދަން މާލެސިޓީ ކައުންސިލުން ނިންމާފައިވަނީ ކައުންސިލްގެ 70 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.