މާލެސިޓީ ކައުންސިލުން މިއަހަރު ބޭއްވި ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން.

މާލެސިޓީ ކައުންސިލް އިދާރާ29 ޖުލައި 2023


ފެތުރެމުންދާ ރޯގާއާއި ގުޅިގެން މާލެސިޓީ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ފަސްކޮށްފި

ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާތީ، 31 ޖުލައިގައި މާލެސިޓީ ކައުންސިލުން ބާއްވަން ނިންމި މިއަހަރުގެ 2 ވަނަ ބައްދަލުވުން ފަސްކުރުމަށް ނިންމައިފިއެވެ.

ޤާނޫނީ ޢިޖްރާޢަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް މާލެސިޓީ ކައުންސިލުން ނިންމިނަމަވެސް މިއަދު ކުރި އިޢުލާނެއްގައި ކައުންސިލުން ބުނީ މި ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށެވެ.

ޤާނޫނު ނަންބަރު 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ) ޤާނޫނުގެ 107 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ޖުލައި މަހުގެ ބައްދަލުވުން ބާއްވަން ކަނޑައަޅާފައިވާ ދުވަސް ފަސްކުރުމާއި ގުޅޭގޮތުން ކައުންސިލުން ކުރި ޢިއުލާން ވަނީ ގެޒެޓް https://www.gazette.gov.mv/iulaan/250264 ކޮށްފައެވެ.

ކައުންސިލްގެ އިޢުލާނުގައި ބުނީ ރާއްޖޭގައި މިދުވަސްވަރު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވާން ފަށާފައިވާތީ،  އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވާތީ، ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެދެވިގެންވާ ކަމަކަށް ނުވާތީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 110 ވަނަ މާއްދާގައި ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުން ތަކުގެ ތެރެއިން 31 ޖުލައި 2023 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން ބައްދަލުވުން ފަސްކުރެވިފައިވާ ކަމަށެވެ.

މި އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 110 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ކައުންސިލް ގެ މަޤްޞަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަމަށް ވަނީ ބުނެފައެވެ. އަދި މިފަހަރުގެ ރައްޔިތުންގެ ބައްދަލުވުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މީގެ ކުރީގެ ބައްދަލުވުންތަކެކޭ އެއްގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން ޑރ. މުޢިއްޒު އަދި ކައުންސިލަރުންނާއި ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ.

ލާމަރުކަޒީ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތީން މީގެ ކުރިންވެސް ރައްޔިތުންގެ ބައްދަލުވުންތައް ސިޓީ ކައުންސިލުން ބާއްވާފައިވާއިރު، އެ ބައްދަލުވުންތައް ވަރަށް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.