އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ ބާލަ ސުބްރަމާނިއަމް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ 10 ފެބްރުއަރީ 2025 ވީ އަންގާރަ ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުތެރޭގައި މާލެ ސިޓީގެ ކަންކަން ހައްލުކުރުމަކަށް ޓަކައި ގިނަގުނަ މަރުހަލާތަކެއް ކަޑައްތު ކުރައްވައިފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ކުރައްވަން ރާވާފައިވާ ކަންކަމުގެ ތެރޭގައި، ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމާއި މާލެ ސިޓީ ފެހިކުރުމުގެގޮތުން ގަސްއިދުމާއި މަގުތަކާއި ސޯޝަލް ކަންކަން ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމު އިތުރަށް ކުރިއަރައި، ކުރިޔަށް އޮތާގައި ދެ ޤައުމަށް ފާގަތިކަން ލިބިގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ސަފީރު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ބަދަހިކުރައްވާނެ ކަމަށާއި ކައުންސުލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުން ދެއްވާނެކަމަށެވެ .
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.