މާލޭ ސިޓީގެ ރައްޔިތުންގެ ޔުނިވަރސިޓީން ގްރެޖުއޭޓްވެ، ރައްޔިތުންގެ ތޮފި އަޅުވައި، އިންތިޚާބްކުރި ފުރަތަމަ މޭޔަރުގެ ޝަރަފާއެކު ތާރީޚްގެ ތެރެއަށް ވަދެވަޑައިގަތް ޑރ.މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގަތް ދެވަނަ ޚައިސިއްޔަތަކީ ފަސް އަހަރުގެ ދައުރަކަށް އިންތިޚާބްކުރި ފުރަތަމަ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ޝަރަފް ހޯއްދެވުމެވެ. ކައުންސިލްތަކުގެ އުމުރުން ވީ 11 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ކުލަ ބަދަލުވި ކައުންސިލްގެ މޭޔަރ ކަން ވެރިކަން ކުރާ ޕާޓީގެ މައްޗަށް ގަދަވެ ކުރި ހޯއްދެވީ ނުހަނު ތަނަވަސް އަޣުލަބިއްޔަތަކުންނެވެ. ސިޔާސީ ޙަޔާތް ވަރުގަދަކުރެއްވުމަށް 2018 ގެފަހުން ކުރެއްވި މަސައްކަތްޕުޅުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ލީޑަރުކަން ކާމިޔާބުކުރެއްވުން ވެގެން ދިޔައީ މޭޔަރުކަމަށް ވާދަކުރެއްވުމަށް ހިތްޖެހުނުކަމެއްކަމުގައެވެ.
އެންމެ މުރާލި ވަޒީރުންގެ ލިސްޓުން ޖާގަ ހޯއްދަވައި ކުރު މުއްދަތެއްގައި އެންމެ ގިނަ މަޝްރޫޢުތަށް ހިންގެވުމުގެ ފުރުޞަތު ލިބިވަޑައިގަތީ 2013 އިން 2018 އަށް ސަރުކާރުގެ ހައުސިންގެ އެންޑް އިންފްރާސްޓރަކްޗަރ ޑިވެލޮޕްމަންޓް ވުޒާރާގެ ވަޒީރުކަމުގެ ފަތްކޮޅު ގައި ސޮއި ކުރެއްވުމާއި ހަމައިންނެވެ. އެދެއްކެވި ހީވާގިކަމުގައި ރާއްޖޭގައި އަލަށް އެޅުނު ސިނަމާލޭ ބްރިޖްގެ މަސައްކަތް ބެލެހެއްޓުމުންގޮސް މާލެއާއި ރަށްރަށުގެ ޕާކްތައް ހެއްދެވުން ހިމެނެއެވެ. މާލެއާއި ރަށްރަށުގައި ހިންގެވި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަށް ހިންގެވީ ކުރުމުއްދަތުގައި ނުހަނު ގިނަ އަދަދަކަށެވެ. ތޮއްޖެހިފައިވާ މާލެއަށް ކުޑަނަމަވެސް ހިތްފަސޭހަކަމެއް ގެނެސްދިން މައިޒާންތަކާ ޕާކްތައް ހެއްދެވީ ސީދާ ބެއްލެވުމުގެދަށުންނެވެ. މާލޭގެ މަގެއްގައި ފުރަތަމަ ފަހަރަށް ތާރުކޮޅެއް އަޅާލުމުގެ އަމަލީ މަސައްކަތްކުރެއްވި ވަޒީރެއްގެ ޝަރަފް ލިބިވަޑައިގަތީވެސް ޑރ.މުޢިއްޒުއަށެވެ. ރާއްޖޭގެ އެންމެ ބޮޑު މިސްކިތްކަމުގައިވާ " ކިންގް ސަލްމާން މިސްކިތް " ބިނާކުރެއްވީ ޑރ.މުއިއްޒުގެ ބެއްލެވުމުގެދަށުންނެވެ. ވީރާނާވެފައިވާ ސަލްޓަންޕާކް މުޅިން އާ ފަރުމާއަކަށް ބަދަލުކުރައްވައި ފެހިކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވެވިއެވެ. ކުރީގެ ރައީސް ޔާމީންގެ އިރުޝާދާއެކު މާލޭގައި އަލަށް އިންޑަސްޓްރިއަލް ވިލެޖެއް ހައްދަވައި ހަތަރު ހެކްޓަރގެ ބިމެއް އިތުރުކުރައްވައި،ރަށްރަށުގެ ގޮޑުދޮށްފަދަ ރަސްފަންނެއް މާލޭގައި ހެއްދެވިއެވެ. މީގެ އިތުރުން ރަށްރަށުގެ ބަނދަރާއި ކުޅިވަރު ދަނޑުތަކުގެ އިތުރުން އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުއެއް ހިންގެވިއެވެ.
ޢިލްމީ މަތީ ހަރުފަތްކަމަށްވާ ފަލްސަފާ އިލްމުވެރިއަކަށް ވެވަޑައިގެން ޕީ.އެޗް.ޑީ ޙާޞިލްކުރެއްވީ ސިވިލް އިންޖިނިއަރރިންގް ގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ. ޔުނިވަރސިޓީ އޮފް ލަންޑަން އިން ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވުމުގެ ކުރިން ހަމަ އެ ޔުނިވާސިޓީއިން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.
މޭޔަރުކަން ލިބިވަޑައިގަތްއިރުވެސް ރަށްވެހިކަމަށް ނުހަނު ފަރިތަ ޑރ.މުޢިއްޒު ވަނީ އޭޝިޔާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭ.އައި.ޑީ.ބީ)އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ގަވަރނަރގެ ހައިސިއްޔަތުންވެސް މަސައްކަތްކުރައްވާފައެވެ.