ވިލިމާލޭގައި ޕިކްނިކް ސަރަޙައްދެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ ވިލިމާލޭގައި ޕިކްނިކް އޭރިއާއެއް ޤާއިމްކުރަން ނިންމާފައިވަނީ މިހާރުވެސް މޫދަށްއެރުމަށް ބޭނުންކުރާ ސަރަޙައްދުގައި ކަމަށެވެ.
ޕިކްނިކް ސަރަޙައްދުގައި ބާބަކިއު ސަރަޙައްދަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކި ފާޚާނާ ބަރިއަކާއި، ނުކުޅެދޭ މީހުނަށް ވަކި ފާޚާނާ ބަރިއެއްގެ އިތުރުން އޯޕަން ޝަވާއެއް ގާއިމުކުރުމަށް ނިންމާފައިވާކަމުގައި މޭޔަރު ވިދާޅުވިއެވެ. އަދި ޑޭރޫމްސްގެ ގޮތުގައި 10 ކޮޓަރި ޤާއިމް ކުރާނެ ކަމަށާއި މި ކޮޓަރިތަކަކީ ރޭގަނޑު މަޑުކުރާގޮތަށް ދޫކުރާ ކޮޓަރިތަކެއް ނޫންކަމުގައި މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި ޕިކްނިކް ސަރަޙައްދެއް ހެދުމާއި ގުޅޭގޮތުން މޭޔަރު މުޢިއްޒު ވާހަކަ ދައްކަވަނީ.
އެ ސަރަޙައްދުގައި ނުކުޅެދޭ މީހުނަށް މޫދަށް އެރެން ޚާއްސަކޮށް ރޭމްޕެއް ވެސް ޤާއިމްކުރަން ނިންމާފައިވާކަމުގައި ވެސް މޭޔަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
”ވީލްޗެއާގަ މޫދުތެރެއަށް ގޮސް ވަކި ހިސާބެއްގަ، އުނަގަނޑާ ހަމައަށް މޫދުތެރޭގައި މަޑުކޮށްލައިގެން ވޯޓާ ތެރަޕީއަށް ބޭނުންކުރެވޭ ކަހަލަ ރޭމްޕޭއް ޤާއިމްކުރާގޮތަށް ކޮންސެޕްޓް އިނީ.“
މޭޔަރު އިތުރަށް ވިދާޅުވީ އަމާޒަކީ ހަ މަސްދުވަހުގެ ތެރޭގައި ޕިކްނިކް އޭރިއާ ޤާއިމްކޮށް ނިންމުންކަމަށެވެ.