“ސްޕެޝަލް ކޮންސިޓިބިއުލަރީ” ގެ އެސްއޯޕީ ހަވާލު ކުރުން.

މާލެ ސިޓީ ކައުންސިލް އިދާރާ20 ޖުލައި 2022


މާލެސިޓީ “ސްޕެޝަލް ކޮންސްޓެބިއުލަރީ” ގެ ޚިދުމަތް އިފްތިތާހު ކޮށްފި

މާލެސިޓީގެ މުނިސިޕަލް ޚިދުމަތް ހޯދައި ލިބިގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު 15 ފެބްރުއަރީ 2022 ގައި ސޮއިކުރެއްވި “ސްޕެޝަލް ކޮންސްެޓެބިއުލަރީ” ގެ މަޝްރޫޢު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރޭ ކުރިއަށްދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި މިކަން އިފްތިތާހުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުގެ ފަރާތުން ކަމާ ބެހޭ އެސްއޯޕީ ހަވާލުކޮށްދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެސްއޯޕީއާއި ހަވާލުވެވަޑައިގަތީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަހްޒަމް އެވެ.

މި އިފްތިތާހު ކުރެވުނު ޚިދުމަތް ކުރިއަށް އޮތް އޯގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި މި ޚިދުމަތުގެ ދަށުން މާލެ ސިޓީގެ ބިންތަކުގެ ތެރެއިން އާންމު ބިންތަކުގެ ގޮތުގައި ކަނޑައަޅާފައި ބިންތަކުގައި ހުއްދަނެތި ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމާއި، މަސައްކަތްކުރާ ސަރަޙައްދުތަކުގައި އެކަން ކުރަނީ ހުއްދައެއް އޮވެގެންތޯ ބެލިގެންދާނެ އެވެ.

މީގެ އިތުރުން ކުންޏާއިމެދު އަމަލުކުރެވޭ ގޮތް ބެލުމާއި, ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދުތައް އެގޮތުގައި ބެލެހެއްޓެމުން ދޭތޯ ބެލުމާއި, އަދި ސަރަހައްދުތަކުގައި ގާނޫނާ ގަވާއިދާ ހިލާފަށް ކަންތައްތައް ހިނގާ މިންވަރު މަދުކުރަން މަސައްކަތްކުރުން އެއީ މިހިދުމަތުގެ ދަށުން ބެލޭނެ ކަންކަމެވެ.

ހަމަ އެހެންމެ މި ހިދުމަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެވޭނީ މާލެ ސިޓީގެ މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި, މަގުތަކުގެ ތަރުތީބު ބެލެހެއްޓުމަށެވެ.

މި އިފްތިތާހު ކުރެވުނު ހިދުމަތުގައި އެންމެ ފުރަތަމަ އިސްކަން ދެވޭނީ ހަނދާން ކޮށްދިނުމުގެ އުސޫލަށެވެ. އަދި ތަކުރާރުކޮށް އުސޫލުން ބޭރުވެއްޖެނަމަ އަދަބެއްގެ ގޮތުގައި އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން މިކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކެއް އަވަސް މުސްތަގްބަލުގައި ފެށިގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލްގެ އެދިލެއްވުމުގެ މަތިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތައްޔާރުކޮށް ހުށަހަޅާފައިވާ މާލެ ކޮމިއުނިޓީ މޮނިޓަރިންގ ސްޕެޝަލް ކޮންސްޓެބްލަރީ ޚިދުމަތުގެ ޕްރޮޕޯސަލްގައި ހިމެނިފައިވާ ބަޖެޓް ފާސްކުރުމަށް އެދި މާލެ ސިޓީކައުންސިލްގެ 04 ވަނަ ދައުރުގެ 32 ވަނަ ޢާންމު ޖަލްސާގައި ހުށައެޅި ހުށައެޅުމަށް، ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އެހެން ކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހޯދާ ސްޕެޝަލް ކޮންސްޓެބްލަރީ ޚިދުމަތަށް ބޭނުންވާ ބަޖެޓް ހަމަޖައްސާނީ މާލެ ސިޓީކައުންސިލުންނެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރިއަށްގެންދިއުމެވެ.