މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ޚިދުމަތް ތަޢާރަފްކޮށް މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ވަނީ ޚިދުމަތް ފަށާފައެވެ.
ސާޅީސް ފުލުހުންނާއިއެކު ފެށި މި ޚިދުމަތަކީ މާލެ ސިޓީ ގެ އެކިކަހަލަ މުނިސިޕަލް މައްސަލަތަކާއި ޝަކުވާތަކަށް ހައްލުކުރުމަށް ޓަކައި ތަޢާރަފް ކުރެވުނު ޙިދުމަތެކެވެ.
މި ޚިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި ،އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގަޔާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުމާއި، ރައްޔިތުންނަށް އުނދަގޫ ފޯރާގޮތަށް ޢާއްމު ތަންތަނުގައި ތަކެތި ބަ ހައްޓައިގެން ވިޔަފާރިކުރުން އަދި މާލޭ ސިޓީގެ ޕާކްތަކުގައި ކުރުން މަނާކަމަށް އެތަންތަނުގައި ޢާއްމުކޮށްފައިވާފަދަ ޢަމަލުކުތައް ކުރުމުން ނާސެހަތްތެރިވެ، ރަނގަޅުނުކޮށްފި ހާލަތްތަކުގައި ފިޔަވަޅުއެޅުން ހިމެނެއެވެ.
މިދިޔަ ހަފްތާގައި މިޚިދުމަތް ފަށައިގެން ކުރިއަށް ގޮސްފައިވާ އިރު، ނަސޭހަތްދެވިގެން ވަރަށް ބައިވަރު މުނިސިޕަލް މައްސަލަތަކަށް ވަނީ ހައްލު ހޯދައިދެވިފައެވެ.
މަގުމަތީގައި ކުނިބެހެއްޓުމާއި،ބާޒާރުމަތީގައި، އަދި ފިހާރަތައް ކުރިމަތީ ކާބޯ ތަކެތި ބެހެއްޓުމާއި، ހަދަމުންދާ އިމާރާތްތައް ކުރިމަތީ ސިމެންތި ބަސްތާ ބެހެއްޓުން، އަދި ޕާރކިން ޒޯން ތަކުގައި ޕެލެޓް އަދި ފިލާ ބެހެއްޓުންފަފަ އެކި އެކި މައްސަލަތައް ވަނީ ޕޮލިސް ކޮންސްޓެބިއުލަރީ ޚިދުމަތުގެ ދަށުން ނަސޭހަތްދީގެން ރަނގަޅުކުރެވިފައެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި ޚިދުމަތް މާލެ ސިޓީ ކައުންސިލާއި ދިވެހި ފުލުހުން ދާނީ އިތުރަށް ޙަރުދަނާކުރަމުންނެވެ.
އޭގެ ތެރެއިން މިޚިދުމަތަށް ޚާއްސަ ހޮޓްލައިންއެއް ތަޢާރަފް ކުރުމުގެ މަސައްކަތް ވެސް ދަނީ ދެ އިދާރާ ގުޅިގެން ކުރިއަށްގެންދަމުންނެވެ.
މާލެސިޓީގެ މުނިސިޕަލް ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި "ސްޕެޝަލް ކޮންސްޓެބިއުލަރީ" ޚިދުމަތް ދިނުމަށްޓަކައި މާލެސިޓީ ކައުންސިލާއި ފުލުހުންނާ ދެމެދު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިކަން އިފްތިތާޙް ކޮށްފައިވަނީ 19 ޖުލައިގައި މާލެ ސިޓީ ކައުންސިލުން ބޭއްވި 2022 ވަނަ އަހަރުގެ 2 ވަނަ ރައްޔިތުންގެ ބައްދަލުވުމުގައެވެ.