މާލެ ސިޓީ މޭޔަރ ނަބީހުއަށް ހަނދާނީ ފިލާ ހަވާލުކުރަށްވަނީ.

މާލެ ސިޓީ ކައުންސިލް އިދާރާ06 އޮކްޓޯބަރ 2022


އަލްހާފިޒް އަހްމަދު ނަބީހު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަ ކޮށްފި

42 ވަނަ ކިންގް ޢަބްދުލް ޢަޒީޒް އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ ތަމްސީލުކުރި އަލްހާފިޒް އަހްމަދު ނަބީހު ހޯދި ކާމިޔާބީ މާލެ ސިޓީ ކައުންސިލުން ފާހަގަ ކޮށްފިއެވެ.

111 ޤައުމަކުން 153 ބައިވެރިން ބައިވެރިވި އެ މުބާރާތުގެ ފައިނަލުގައި ނަބީހު ވަނީ ކިޔަވާފައެވެ. ނަބީހުއަކީ ކީރިތި ގުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖެކެވެ.

ނަބީހުގެ ކާމިޔާބީއާއި ގުޅިގެން ނަބީހުގެ މަންމަ ފާހަގަކުރި ގޮތުގައި ނަބީހުއަކީ އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަހައްމަލްކުރާ ކުއްޖެކެވެ. އެހެންނަމަވެސް ގުރުއާން ކިޔަވާއިރު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ އަކުރުތައް މަހުރަޖުން ނަބީހު ކިޔަވާކަމަށް އޭނާގެ މަންމަ ފާހަގަކުރިއެވެ.

ނަބީހް ގައުމަށް މިހޯދައިދިން ރީތި ނަމާއި ކާމިޔާބީ ފާހަގަކުރުމުގެގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ ނަބީހުއަށް ހަނދާނީ ފިލަޔަކާއި ސްމާރޓް ޓީވީއެއް ހަދިޔާކޮށްފައެވެ. މީގެއިތުރުން މާލެސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވަނީ ނަބީހްގެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ޓްރޮފީއެއް ދެއްވާފައެވެ.

މޭޔަރ މިހަފްލާގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ދީނީ ކަންކަމަށް ޚާއްސަ އިސްކަމެއްދޭ ކައުންސިލެއްކަމަށާއި، އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތްތަކަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

އަދި ނަބީހް މުޅި ދުނިޔޭގެ އެތައްސަތޭކަ ބައިވެރިންނާއި ވާދަކޮށްގެން މަތީ ވަނަ އަކާއިއެކު ރާއްޖެއަށް ރީތި ނަމެއް ހޯދައިދެއްވުމުން އެކަން މާލެ ސިޓީ ކައުންސިލުން ފަޚުރުވެރިކަމާ އެކު ފާހަގަކުރައްވާ ކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މޭޔަރު ވަނީ ނަބީހްގެ ބެލެނިވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.