މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ މުޢިއްޒު ވާހަކަފުޅު ދައްކަވަނީ.

މާލެ ސިޓީ ކައުންސިލް އިދާރާ09 އޮކްޓޯބަރ 2022


އަމީނީމަގު ހަދަމުންދާގޮތުން މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

އަމީނީމަގު ތަރައްޤީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި އޮތް އިރު ޕްލޭންގައި އޮތީ ގަސް ނުކަނޑާ މަގު ތަރައްޤީ ކުރުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މީޑިއާ ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީ އާއި އެކު އެބަސްވީ ސިޓީ ކައުންސިލާއި އެކު ހެދި އެއްބަސްވުމުގެ ދެ ގުނަ އަގުގައި ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި، އާރްޑީސީ އަށް އެއްބާރުލުން ދެމުންދަނީ، މާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތް ތަކުގައި އެހީވާން ކަމަށެވެ.

މޭޔަރު ވިދާޅުވީ މީގެ ކުރިން މަޖީދީ މަގުވެސް ގަސް ނުކަނޑާ ހެދިކަމަށާއި، ނަގަން ޖެހޭ ގަހެއް ހުރި ނަމަވެސް ހުރިހާ ގަހެއް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

މޭޔަރު ވަނީ އަމީނީ މަގު ތަރައްޤީ ކުރާއިރު މަގަށް ހަނިވާ ގޮތަށް މަގުތަރައްޤީ ކުރާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މޭޔަރު ވިދާޅުވީ އާރްޑީސީން މީގެ ކުރިން ހެދި މަގުތަކުގައިވެސް، މަގުގެ ފުޅާމިން ދެ ފޫޓު ނުވަތަ ދޮޅު ފޫޓު ހަނި ކޮށް ހަދާފައިވާ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް، ރޯޝަނީ މަގު ހަދާ ނިމުމުންވެސް އާރްޑީސީ އާއި އެކީ ނިންމަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ނިންމެވުން،ޕްލޭނިންގ މިނިސްޓްރީއާއި އެކު ނިންމާފައި ނުވާކަން ފާހަގަކުރައްވައި މުއިޢްޒު ވިދާޅުވީ، އެގޮތަށް ނިންމަވާފައި ނެތުމުން ކުރީގެ ޑިޒައިނަށް އެކަން ކުރެވެމުންދާ ކަމަށާ، އޭގެ ސަބަބުން ތިން ފޫޓު މަގުން ހަނިވެގެންދާކަމަށެވެ.