ގުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ބޭއްވި ޖަލްސާގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ

މާލެ ސިޓީ ކައުންސިލްގެ އިދާރާ22 މެއި 2023


މުޅި ރާއްޖޭގައި ދިރިއުޅޭ އެންމެންނަކީ އިސްލާމް ދީނަށް ލޯބި ކުރާ ބަޔަކަށް ވާންޖެހޭ: މޭޔަރ މުޢިއްޒު

ދިވެހި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އިސްލާމް ދީނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ބޭއްވި ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މާލެ ސިޓީ ކައުންސިލުން ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި މަދަޙަ ކިއުމަށް ހިތްވަރު ދިނުމަކީ ނަފްސަށް ދެވޭ ކާނާއެއް ކަމަށާއި މިކަންކަމަކީ ޢަމަލުތައް ރަނގަޅު ގޮތުގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މޭޔަރު ވިދާޅުވީ މިއަހަރާއި ނިމިދޔަ އަހަރުގެ ރަމަޟާން މަހު ވެސް މާލެ ސިޓީ ކައުންސިލުން ޤުރުއާން އަދި މަދަޙަ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މާތް މަޤްޞަދުގައި ކަމަށެވެ.

ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާ އަދި މަދަޙަ ކިޔުމަށް ހިތްވަރު ދިނުމަކީ ހަޤީޤަތުގައި ނަފްސަށް ދެވޭ ކާނާއެއް

މޭޔަރު މުޢިއްޒު

މޭޔަރުގެ ވާހަކަފުޅުގައި މާލެ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާފައެވެ.