އާސަހަރާ މިސްކިތް

މާލެ ސިޓީ ކައުންސިލް02 އޮކްޓޯބަރ 2024


މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާގެ މަރާމާތަށް ފަހު ހުޅުވުމަށް ނިންމައިފި.

މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ، މަރާމާތަށް ފަހު ހުޅުވުމަށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 165 ވަނަ ޢާއްމު ޖަލްސާއިން ނިންމައިފިއެވެ. 2023 ވަނަ އަހަރުގެ މޭ މަހު، އާސަހަރާ މިސްކިތް، އަލުން ޢިމާރާތް ކުރުމަށް ޓަކައި ކުރިން ހުރި މިސްކިތް ބަންދު ކުރެވުނެވެ. ނަމަވެސް ވަރަށް ގިނަ ސަބަބުތަކާއި މައްސަލަތައް ކުރިމަތި ވުމުގެ ސަބަބުން، މި މަސައްކަތް ދާންވީ ހަލުވި މިނުގައި ކުރިޔަށް ގޮސްފައި ނުވެއެވެ. މި މަސައްކަތާ، ކުރިން ހަވާލުވި ދެ ކޮންޓަކްޓަރުންނަށް، ފައިސާ ދިން ނަމަވެސް މަސައްކަތް، އެދެވޭ ގޮތެއްގައި ކުރިޔަށް ނުދިއުމުގެ ސަބަބުން ކޮންޓެކްޓް ބާޠިލް ކުރަން ޖެހުނެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު މަރާމާތަށް އާސަހަރާ ބަންދުކުރުމުން، މާލެ، ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބާއްވައި ވަޅުލުމަށް ދަތިތަކާ ކުރިމަތިވިއެވެ. ނަމަވެސް ވަރަށް ގިނަ ދަތިތަކާއެކު ވެސް އާސަހަރާ މިސްކިތާއި އާސަހަރާގެ މަސައްކަތް ނިމި 4 އޮކްޓޫބަރ 2024 ވާ ހުކުރު ދުވަހު އާސަހަރާ މިސްކިތް ހުޅުވާނެ ވާހަކަ މޭޔަރ ވިދާޅުވިއެވެ. އަދި ހުރިހާ ކައުންސިލަރުން މަސައްކަތަށް ދެއްވި އެއްބާރުލުމަށް ޓަކައި ހުރިހާ ކައުންސިލަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.