ޓީޗާސްޑޭ ޑިނާރ

މާލެ ސިޓީ ކައުންސިލް 08 އޮކްޓޯބަރ 2024


އަޚުލާޤީ ގޮތުން ނަމޫނާ މުޖުތަމަޢެއް ބިނާކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރ އިލްތިމާސްކުރައްވައިފި

އަޚުލާޤީ ގޮތުން ނަމޫނާ މުޖުތަމަޢެއް ބިނާކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، މުދައްރިސުންގެ އަރިހުގައި އިލްތިމާސްކުރައްވައިފިއެވެ. އެ މަނިކުފާނު މި ފަދައިން އިލްތިމާސްކުރެއްވީ، 2024 ވަނަ އަހަރުގެ މުދައްރިސުންގެ ދުވަހަސް ފާހަގަކުރުމަށް، މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތިނއ ޕްރީ ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ. ރޭގަނޑުގެ ފަރިއްކޮޅާއެކު އޮތް މި ބައްދަލުވުން އޮތީ، ލޮނުޒިޔާރައި ޕާރކުގައި 7 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ ރޭގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ރައްޔިތުން އެ ބޭފުޅުން އިންތިޚާބު ކުރައްވާފައިވަނީ އެންމެނާ ގުޅިގެން ރަނގަޅު މުޖުތަމަޢެއް ބިނާ ކުރުމަށް ކަމަށެވެ. ''މަގުމައްޗަށް ކުނި އަޅާލަންވީމާ ހަމަ އަޅާލަނީ. ބޭނުންކޮށްފަ އޮންނަ ޓިޝޫ ވެސް ވައްޓާލަންވީމާ ހަމަ ވައްޓާލަންވީ. ދުވަސްވީ މީހަކު މަގުމަތިން ދިޔަ ނަމަވެސް، އެ މީހަކަށް މަގުދެއްކުމެއްނޯވޭ. އިޙުތިރާމް ކުރުމުގެ ކަންތައް މި އޮންނަނީ ވަރަށް ކުޑަކޮށް. އަޅުގަނޑުމެންނަށް ދެވެނިކޮށް އަޅުގަނޑުމެންނަށް އެ ނިމުނީ. މި ވަމުންދާ ގޮތް އަޅުގަނޑުމެން ޕްރީ ސްކޫލް ލެވެލުންފެށިގެން ދިރާސާކޮށް ބަލަންޖެހޭ'' މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ހުރި ގޮތުން، މަގުމަތިން ފެންނަ ކަންތައްތައް ބަޔާންކުރައްވަމުން، މޭޔަރ ކަންބޮޑުވުމާއެކު ފާހަގަ ކުރެއްވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މިހާރުގެ ޖީލުތައް ބަދަލުވަމުން އަންނަނީ ސޯޝަލް މީޑިޔާއިން ފެންނަ ތަފާތު ނަންމުގެ ތެރެއިންކަމަށެވެ. މި ގޮތަށް މި ކަންކަން ދިމާވުމުން ޅަ ޖީލުގެ ކުދިން ޤަބޫލުކުރާ ކަންތައްތަކާއި، ދުވަސްވީ މީހުން ޤަބޫލުކުރާ ކަންތައްތައް ދިމާނުވުމުން، މައްސަލަ ޖެހޭކަން ފާހަގަކުރެއްވިއެވެ.

''އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރު ވަރަށް އޯޕަންކޮށް، ހުޅަގުގެ ޤައުމުތަކުގައި ޤަބޫލުކުރާ ބައެއް ޤަބޫލުކުރުންތަކަކީ، އެއީ އަމިއްލަ ކަމެކޭ ދެކޭތަން، އެ ލެވެލްގައި މިހާރު ކުދިންގެ ވިސްނުންހުރީ. އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢަކަށް ނުގުޅޭ އެތައް ކަމެއް، އެ ކުދިންނަށް މައްސަލައަކަށް ނުވޭ، އެއީ މައްސަލައެއް ނޫނޭ'' ކިޔަވާކުދިންގެ ވިސްނުން ހުރިގޮތާމެދު ކަންބޮޑުވުން ފާޅުކޮށް މޭޔަރ ވިދާޅުވިއެވެ. މިކަން ހިތާމަޔާއެކު ފާހަގަ ކުރައްވަމުން މޭޔަރ ވިދާޅުވީ، މިއީ މީގެ 15 ނުވަތަ 20 އަހަރު ފަހުން މި ޤައުމުގެ ކަންތައްތަކާ ހަވާލުވާން ތިބި ކުދިންގެ ޙާލަތު ހުރިގޮތްކަމަށެވެ.