ކުށުގެ ވެއްޓަށް މަގުފައިވާ ގޮތަށް މާލެއާއި ވިލިމާލޭގެ ފަޅުގައި ޤަވާއިދާ ޚިލާފަށް އަޅާފައި އޮތް ހަތަރު އުޅަނދެއްގެ ނަން މާލެ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
މިހަތަރު އުޅަނދަކީ ބަލަހައްޓާނެ ޒިންމާދާރު ފަރާތެއްނެތި އެއްގޮތަކަށް ވެސް ދަތުރުނުކޮށް ގިނަދުވަސްތަކެއް ވަންދެން ފަޅުތެރޭ އެކި ސަރަހައްދުތަކުގައި އަޅާފައިހުރި އުޅަނދުފަހަރެވެ. އަދި ރަޖިސްޓްރީ ނަންބަރު އެއްގޮތަކަށް ވެސް ނުޖަހާހުރި މި އުޅަނދުފަހަރުގެ ސަބަބުން ފަޅުގެ ޤަވާއިދާ އެއްގޮތަށް ހުއްދަނަގައިގެން ފަޅު ބޭނުންކުރައްވާ ފަރާތްތަކަށް ދަތިވަމުންދާކަމުގެ ޝަކުވާ މިކައުންސިލަށް ވަނީ ލިބިފައެވެ.
އެ ހަތަރު އުޅަނދަކީ މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ އަޅާފައި އޮތް މުނިމާ ނަމަކަށް ކިޔާ ރަޖިސްޓަރ ނަންބަރ (P4020B.01.01 ) އުޅަނދާއި ، މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ އަޅާފައި އޮތް އުންމީދު ނަމަކަށް ކިޔާ ރަޖިސްޓަރީ ނަންބަރ ( P4034A.01.10N ) އުޅަނދުގެ އިތުރުން ރަޖިސްޓަރީ ނަންބަރ އާއި ނަން ނުޖަހާ އޮތް ދެ އުޅަނދެވެ. އެ ދެ އުޅަނދު ވެސް އަޅާފައި އޮތީ މާލެ މަސްމާރުކޭޓް ކުރިމަތި ފަޅުގެ ބޭރުތޮށި ކައިރީ ގައެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިއުޅަނދުގެ ވެރިފަރާތުން ނުވަތަ އުޅަނދު ބެލެހެއްޓުމަށް ޙަވާލުވެހުރި ފަރާތްތަކުން ކައުންސިލަށް ހާޒިރުވެ، އެކަން އެންގުމަށް ފަހު އެސަރަހައްދުން އެ ހަތަރު އުޅަނދު ނެގުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ. އަދި މި މައުލޫމާތުތައް ވާނީ މި މަހުގެ ފަސް ވަނަ ދުވަހު ގެޒެޓްގައި ވެސް ޝާޢިއުކޮށްފައެވެ. މިތާރީހުގެ ފަހުން އުޅަނދުތައް ނުނުގާ ނަމަ، އެފަދަ އުޅަނދު ފަހަރަކީ ބަލަހައްޓާނެ ފަރާތެއް ނެތި ފަޅުތެރޭ ދޫކޮށްލާފައިވާ އުޅަނދުފަހަރު ކަމަށް ބަލައި ކަމަށާއި އެ އުޅަނދުތައް މި ކައުންސިލަށް ކަނޑައަޅާފައިވާ ސަރަހައްދަށް ގެންދެވޭނެ ކަމަށެވެ. އަދި އުޅަނދުތައް ގެންދިއުމުގެ ތެރޭގައި އުޅަނދަށާއި އުޅަދުގައިވާ ތަކެއްޗަށް ވާ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް މި ކައުންސިލުން އަންގާފައިވެއެވެ.