މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 11 ފެބްރުއަރީ 2025


ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް!

މާލެ ސިޓީއަކީ އަބަދު ވެސް ސާފު ތާހިރު ސިޓީއަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މާލެއާއި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކާނުތައް ސާފުކުރުމުގެ މަސައްކަތްދަނީ ނުހުއްޓި ކުރިއަށެވެ.

މާލެ ސިޓީގެ ކޮންމެ މަގަކީ ވެސް، މަގު ބޭނުންކުރައްވާ ފަރާތްތައް ހިތްހަމަޖެހޭ ފަދަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުވާކަމެކެވެ. މި ވަގުތު ކާނުތައް ސާކުރަމުން އަންނަނީ ޖަލާލުއްދީން މަގުގައި ހުންނަ ކާނުތަކާއި ވިލިމާލޭގެ ކާނުތަކެވެ.

މަގުތަކުގެ ކާނުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެ ކަމަށް ހައްލު ހޯދުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްދަނީ ނުހަނު ގިނަ މަސައްކަތް ތަކެއް މިހާރު ވެސް ކުރައްވަމުންނެވެ. އެ ގޮތުން މާލެ ސިޓީގެ މަގުމައްޗަށް ކުންޏާ ބާވެފައި ހުންނަ ފަރުނީޗަރާއި ހިފައިގެންގުޅޭ ތަކެތި ނޭޅުމަށް ކައުންސިލުން އަންނަނީ ތަކުރާރުކޮށް އަންގަމުންނެވެ.

މަގުތަކުގައި ފެން ބޮޑުވުމަކީ ކާނުތައް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ފެންބޭރުވާން ހުރަސްތައް ކުރިމަތިވުމުން، މާލެއަށް ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު ކާނުތަކުގައި ހުންނަ ކުނިތައް، ފެނާއެކުވެ މަގުތައް ވަރަށް ބޮޑަށް ހަޑިވެއެވެ.

މާލެ ސިޓީގެ މަގުތަކަށް ދިމާވެފައިވާ، ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފު ތަނަކަށް ހައްދަވާނެ ކަމަށާއި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވާނެކަމަށެވެ. އެ ގޮތުން މަގުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަމާލުކަން ދީގެން، މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ދެއްވިއެވެ