ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅި ފަރާތްތަކަށް ފަސޭހަކޮށްދީ އެހީތެރިކަން ފޯރު ކޮށްދެއްވުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހެދި "ހެލްޕް ޑެސްކް" މެދުވެރިކޮށް 223 ފަރާތަކަށް އެހީތެރިކަން ފޯރު ކޮށްދެވިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މާޗް މަހުގެ 11 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައިގައި މި ކަމަށް ޚާއްޞަ ބަޔަކު ބައިތިއްބައިގެންނެއެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 223 ފަރާތަކަށް އެހީ ތެރިކަން ފޯރު ކޮށްދެއްވުނު އިރު، 156 ފަރާތަކަށް ވަނީ މިކަމާ ގުޅޭ މައުލޫމާތު ސާފު ކޮށްދެވި، ހައުސިން މިނިސްޓްރީގެ ގެދޮރުވެރިޔާ ފޯޓަލްއަށް ޝަކުވާ ހުށަހަޅަންވީ ގޮތް ކިޔައިދީފައެވެ. އަދި 67 ފަރާތެއްގެ ޝަކުވާ ފޯމް ކައުންސިލްގެ "ހެލްޕް ޑެސްކް" މެދުވެރިކޮށް ވަނީ ހުށަހަޅައިފައެވެ.
މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދިންގޮތުން ގިނަ ބަޔަކު ދަނީ ހިތް ހަމަނުޖެހުން ފާޅުކުރަމުންނެވެ.
މި ކަމާ ގުޅިގެން، މީގެ ކުރިން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައި ވަނީ، މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޓަކައި، ބޯހިޔާވަހިކަމަށް ބާނުންވެފައި ތިއްބެވި މާލޭގެ ރައްޔިތުންނަށް ދޭން ނިންމި ގޯތިތައް ދީ، އެ ގޯތިތައް ދެވުނުތޯ ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ހަމަޖެހިފައިވާ އުޞޫލުން ބޭރުން، ޝަރުތު ހަމަނުވާ ބަޔަކަށް، ބިމާއި ގޯތި ބަހައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވެފައެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވެފައި ވަނީ، ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އިންސާފުވެރިކަމާއެކު، ފުލެޓް ލިބިފައިވާ ރައްޔިތުންނަށް، އިތުރަށް ލަސް ނުކުރައްވައި އެ ބޭފުޅުންނަށް އެ ފުލެޓްތައް ދޭންޖެހޭނެކަމަށެވެ.