ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަރިއަހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ކަން އޮތީ 8 މެއި 2025 ވީ ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސް ކޮޅުގެ ތެރޭ، މާލެ ސިޓީގެ ކަންކަން ހައްލުކުރުމަކަށް ޓަކައި ގިނަގުނަ މަސައްކަތްތައް ކުރައްވާފައިވާކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ކަންކަން ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކަށް އެހީތެރިވެދީ، ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން އަދާކޮށްފައިވާ މުހިންމު ރޯލު، ޝުކުރުވެރިކަމާއެކު މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ޖަޕާނާ ދެޤައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވައި ލައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، މި ދެ ޤައުމުގެ ދުވަސްވީ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރައި، ދެ ޤައުމަށް ފާގަތިކަމާއި އެއްބައިވަންތަކަން ގެނެސްދޭނެ ގުޅުމަކަށް، ކުރިއަށް އޮތް އަހަރުތައް ވެސް، މި ގުޅުން ވެގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސް ތަކުގައި، މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށާއި ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.