މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް08 މެއި 2025


މޭޔަރ ޢާޒިމްގެ އިލްތިމާސް: ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ

ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތަކަށް، ހުރިހައި ގޮތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސް ކުރައްވައިފި އެވެ.

މޭޔަރ ޢާޒިމް މިފަދައިން އިލްތިމާސް ކުރައްވާފައި ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ތެލްސީމިއާ ދުވަހާ ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލެސީމިއާގެ ވޭން ތަޙައްމަލް ކުރަމުންދާ އާއިލާތައް ގިނަ ޤައުމެއް ކަމަށާއި އެހެން ކަމުން، އަލަށް ޒަވާޖީ ޙަޔާތް ފައްޓަވާ ބޭފުޅުން، ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި މަޢުލޫމާތަށް ހޭލުންތެރިވުމަށެވެ. އަދި މިފަދަ ވޭން ތަޙައްމަލްކުރައްވަން ޖެހިވަޑައިނުގަންނަވާ ގޮތަށް، ޒަވާޖީ ޙަޔާތް ފެއްޓެވުމަށް ވިސްނަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ސޯސަލް މީޑިއާ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ ތެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ދުވަހުގެ ހެޔޮ އެދުންތައް ވެސް އަރިސް ކުރައްވާފައެވެ.

ބައިނަލްއަގްވާމީ ގޮތުން ތެލެސީމިއާ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހުއެވެ. ތެލެސީމިއާ އަކީ މިއަދު ރާއްޖޭއަށް ކުރިމަތިވެފައިވާ ސިއްޙީ އެންމެ ބޮޑު އެއްމައްސަލަ އެވެ. މިބަލި ޖެހެނީ ތެލެސީމިއާ ވާރުތަކުރާ ދެ ކެރިއަރުން ކައިވެނީގެ ގޮތުން ގުޅުމުންނެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 16 ނުވަތަ 18 އިންސައްތަ މީހުންނަކީ ތެލެސީމިއާ ވާރުތަކުރާ ގޮތް ހުންނަ މީހުން ނުވަތަ ކެރިއަރުން ކަމަށް ހިސާބުތަކުން ދައްކައެވެ. ކެރިއަރުންނަކީ ބަލިމީހުން ނޫން ކަމުގައި ވިޔަސް ދެ ކެރިއަރުން ކައިވެނިކޮށްގެން ލިބޭ ދަރިންނަށް މިބަލިޖެހުމުގެ ފުރުޞަތު އޮންނަ ކަމަށް ސިއްހީ މާހިރުންގެ ހޯދުން ތަކުން ދައްކައެވެ.