ލ.އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ " ޒިއަމިން ލާމު މެރަތަން 2025" ގައި ބައިވެރިވުމުގެ ފުރުޞަތު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްއަށް ދެއްވައިފިއެވެ.
މި މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ އޮކްޓޫބަރު 31 ވާ ހުކުރު ދުވަހުއެވެ. މެރަތަން ވިލެޖަކީ، ލ.ގަމު މުކުރިމަގު ބަނދަރު ސަރަޙައްދެވެ. އަދި މެރަތަންގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަނަށް މިހާރުވަނީ ހުޅުވާލާފައެވެ.
މި މެރަތަންގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމުން، މޭޔަރ ޢާޒިމް ވަނީ، މި މެރަތަން އިންތިޒާމްކުރާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި މި މެރަތަން އިންތިޒާމް ކުރާފަރާތުން ވަނީ، މެރަތަންގައި ދުވުމަށް ބޭނުންކުރާ ކިޓް ވެސް މޭޔަރ ޢާޒިމަށް ހަދިޔާކުރައްވައިފައެވ.
މެނދުނުކެނޑި ބާއްވަމުން އަންނަތާ 4 އަހަރުވީ މި މެރަތަންގައި ބައިވެރިވެވޭނެ ރޭސް ކެޓަގަރީތަކުގެ ތެރޭގައި، 3ކިލޯ މީޓަރު، 5ކިލޯ މީޓަރު، 10ކިލޯ މީޓަރު، ހާފް މެރަތަން އަދި ފުލް މެރަތަން ހިމެނެއެވެ. ކޮންމެ ރޭސް ކެޓަގަރީއަކުން ވެސް، އެ ދުވުންތެރިޔަކު ޝަރުޠު ހަމަވާ ގުރޫޕަކަށް ރަޖިސްޓްރީ ކުރެވޭނެއެވެ. މީގެ ތެރޭގައި ލ. އަތޮޅުގެ ދުވުންތެރިންނާއި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ދުވުންތެރިންނާއި އަތޮޅު ތަކުގެ ކައުންސިލަރުންނާއި އަދި ބައިނަލްއަޤުވާމީ ދުވުންތެރިން ހިމެނެއެވެ.
މި މެރަތަންގައި، ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް، ފިނިޝަރ މެޑަލެއް ދެވޭނެއެވެ. އަދި ކޮންމެ ރޭސް ކެޓަގަރީއެއްގެ އަންހެން އަދި ފިރިހެން 1ވަނައަށް އަންނަ ދުވުންތެރިންނަށް ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ރޭސް ކެޓަގަރީއެއްގެ ކޮންމެ ގްރޫޕަކުން 1 ވަނައަށް އަންނަ އަންހެން އަދި ފިރިހެން ދުވުންތެރިންނަށް ރަން މެޑަލް، 2 ވަނައަށް ރިހި މެޑަލް އަދި 3ވަނައަށް ލޯ މެޑަލް ދެވޭނެއެވެ.
