ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލެ ސަރަހައްދުގައި މީހުން އާބާދުވާވަރު ގިނަވާނެ ކަމަށާއި، އެހެން ކަމުން ހުޅުމާލެއަށް އެކަނި ވިސްނައިގެން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ލޭންޑް ޔޫސް ޕްލޭނެއް ހެދުމަކީ ބުއްދި ވެރިގޮތެއް ނޫންކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ހުޅުމާލެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ސްޓޭކް ހޯލްޑަރުންނާއެކު އެޗްޑީސީއިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، މިހާރު ވެސް ބްރިޖަކުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅިފައިވާއިރު، މުސްތަގުބަލުގައި ވިލިމާލެއާއި ތިލަފުށީގެ އިތުރުން، ގުޅީފަޅާއި އުތުރު ތިލަފަޅު ވެސް، މި ސަރަހައްދާ ގުޅިގެން ދާނެއެވެ. އެހެންކަމުން، މިއިން ކޮންމެ ރަށެއްގައި، މުނިސިޕަލްގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނެއް ހަދާއިރު، މި ސަރަހައްދަށް ޤައުމީ ފެންވަރުގެ، ޚާއްޞަ ކޮމްޕްރިހެންސިވް ލޭންޑް ޔޫސް ޕްލޭނެއް ހެދުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. ފަހަށް ނުވިސްނައި ކަންކަން ޕްލޭން ކުރާކަމަށް ވާނަމަ، އެ ކަމުގެ ސަބަބުން ބޮޑެތި ގެއްލުން ތަކެއް ލިބުން އެކަށީގެން ވާކަމަށް މޭޔަރ ހާމަކުރެއްވިއެވެ. އަދި މާލެ ސަރަހައްދަށް ޚާއްޞަ ލޭންޑް ޔޫސް ޕްލޭނެއް ހަދާނަމަ، މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި ވަކި، ވަކިން ކަންކަން ނިންމުމުން، މުސްތަޤްބަލުގައި އޭގެ އެންމެ ފުރިހަމަ ކާމިޔާބީއަށް ވާސިލް ނުވެވޭނެ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މާލެއެކޭ އެއް ފަދައިން ހުޅުމާލޭގައި ވެސް، މިހާރު ވެހިކަލް ޕާކް ކުރެވޭނެ ޖާގަ ނެތެވެ. އަދި ބްރިޖާއެކު، ކުރިޔަށް އޮތްތަނުގައި، ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށީގައި މީހުން ދިރިއުޅޭ ކަމަށް ވާނަމަ، ކުނި މެނޭޖް ކުރާނެ ގޮތް ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. އެ ކަން ވެސް މޮނިޓާކުރެވޭނީ ކޮންމެ ވެސް އެއް ރަށެއް ވަކިން، އެ ކަމަކަށް ޚާއްޞަ ކުރެވިގެންކަމަށް މޭޔަރ ހަމަކުރެއްވިއެވެ. މިގޮތުން، މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި، ދުރު ރާސްތާއަށް ވިސްނައިގެން ގްރޭޓަރ މާލެއަށް ޚާއްޞަ ޕްލޭނެއް ހެދުމުގެ މުހިއްމުކަން މޭޔަރު ވަނީ، މި ބައްދަލުވުމުގައި، ތަކުރާރުކޮށް ހާމަކުރައްވައިފައެވެ.
މި ބައްދަލުވުމުގައި މޭޔަރ ޢާޒިމްގެ އިތުރުން، މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަނާއި، އެޗްޑީސީގެ ވެރިންނާއި ފުލުހުންނާއި ކަމާގުޅޭ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
