ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެ ސިޓީ ކައުންސިލްގެ ޕީއެންސީ ކައުންސިލަރުންނަށް ތަކުރާރުކޮށް ދެއްވަމުން ގެންދަވާ ނަޞޭޙަތްޕުޅަކީ، މޭޔަރަކަށް ކޮންމެ ބޭފުޅެއް ހުއްޓަސް، މާލެ ސިޓީ ކައުންސިލަކީ ހިންގަން ޖެހޭނެ ތަނެއް ކަމަށް، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީސް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރ ޢަރީޝް މި ފަދައިން ވިދާޅުވީ، މި ދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ރަސްމީ އާންމު ޖަލްސާގެ ރިޔާސަތު ބަލަހައްޓަވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވައި، ޑެޕިއުޓީ މޭޔަރ ވަނީ މިކަން ފާހަގަކުރައްވާފައެވެ.
އަރީޝް ވިދާޅުވީ "އަޅުގަނޑުމެނަށް، އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ، ޑޮކްޓަރ މުހައްމަދު މުޢިއްޒް އަބަދު ވެސް ދެއްވާ ނަޞޭޙަތަކީ، މާލެ ސިޓީ ކައުންސިލް ހިންގަން ޖެހޭނެ ކަމަށް. އެއީ ކޮންމެ މޭޔަރަކު ހުއްޓަސް. އެމްޑީޕީއެއް ނޫން ކޮންމެ މޭޔަރަކު ހުއްޓަސް. މާލެ ސިޓީ ކައުންސިލަކީ ހިންގަން ޖެހޭތަނެއް" މިހެންނެވެ.
އޭނާ އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރަކަށް، މުޢިއްޒު ހުންނެވި ދުވަސްވަރު ސިޔާސީ ގޮތުން، އޭރުގެ ސަރުކާރުން ކުރަމުން ދިޔަ ޖެއްސުންތަކަށް ބަލާއިރު، ކައުންސިލް ހިންގުމުގައި ވަރަށް ގިނަ ތަކްލީފުތަކެއް ކުރިމަތިވި ކަމަށެވެ. އެހެންކަމުން، އެފަދަ ހާލަތެއް ތަކުރާރުވިޔަ ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިހާރުގެ ވެރިކަމެއްގައި، އެމްޑީޕީގެ މޭޔަރެއް ހުއްޓަސް، މާލެ ސިޓީ ކައުންސިލް ހިންގުމުގައި އެބޭފުޅާއަށް އެއްވެސް ދަތިކަމެއް ނުވަތަ އުދަނގުލެއް ކުރިމަތިވާ ގޮތަކަށް ކަމެއް ކުރާކަށް ބޭނުންފުޅު ނުވާ ކަމަށް ވެސް ޑެޕިއުޓީ މޭޔަރ އަރީސް ވަނީ ހާމަކުރައްވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅެއް ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ. މިކަމުން ދޭހަވަނީ، ސިޔާސީ ޚިޔާލު ތަފާތުވުންތަކަށްވުރެ ބޮޑަށް، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް، ރައީސް އިސްކަންދެއްވާ ކަމެވެ.
މާލެ ސިޓީ ކައުންސިލްގައި ޕީއެންސީގެ 14 ކައުންސިލަރުން ތިއްބަވައެވެ.
