މާލެ ސިޓި ކައުންސިލް

މާލެ ސިޓި ކައުންސިލް 09 އޮކްޓޯބަރ 2025


މާލެ ސިޓީގެ ލޭންޑް އިންފޮމޭޝަން ސިސްޓަމުގައި ހިމެނޭ ބިމުގެ ދަފްތަރު ކައުންސިލަރުންނާއި ހިއްސާ ކޮށްފި

މާލެ ސިޓީގެ ބިމާބެހޭ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށް އާންމުކުރި، ޚާއްޞަ 'ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގައި ހިމެނޭ ބިމުގެ ދަފްތަރު މާލެ ސިޓީ ކައުންސިލަރުންނާ ހިއްސާކޮށްފި އެވެ.

'ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގައި ހިމެނޭ ބިމުގެ ދަފްތަރުވެސް ހިމެނޭހެން އާންމު ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 214 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. 1 އޮކްޓޯބަރ 2025ގައި ބޭއްވި މި ޖަލްސާގެ އެޖެންޑާއިން މި އައިޓަމް އުނިކޮއްފައިވަނީ "ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގައި ހިމެނޭ ބިމުގެ ދަފްތަރު ކައުންސިލަރުންނަށް ހިއްސާ ކުރުމަށް ފަހު އާންމު ކުރުމަށް ކައުންސިލުގެ ތަޅުމުން އެދުމުންނެވެ.

ބިމުގެ ދަފްތަރުގެ މައުލުމާތު އާންމު ކުރަންވާނީ ކައުންސިލަރުންނާއި އެމައުލުމާތު ހިއްސާކުރުމަށް ފަހުގައިކަން ވިދާޅުވެ އެއައިޓަމް އުނިކޮއްދެއްވުމަށް ހުށައެޅުއްވީ ހެންވޭރު ހުނޅަގު ދާއިރާގެ ކައުންސިލަރު ފާތުމަތު ޝައުފާ ސަލީމްއެވެ.

އެޖެންޑާއަށް ވާހަކަ ދައްކަވަމުން ޝައުފާ ވިދާޅުވީ ކައުންސިލަރުންނަށް ނޭނގޭ ބައެއް ބިންތައް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރިކަމަށާއި ލައިވް ޖަލްސާއެއްގައި މިކަހަލަ މައުލުމާތު އާންމު ކުރުމުގެ ކުރިން ކައުންސިލަރުންނާއި މަޝްވަރާކުރުމަކީ އިތުރަށް މި ދަފްތަރުގެ ސައްހަކަން އިތުރުވެގެންދާނެ ކަމެއްކަމަށެވެ.

" އަޅުގަނޑަށް ފެންނަގޮތުގައި ރަސްމީ އާންމު ޖަލްސާއެއްގަ އަޅުގަނޑުމެންނާއި ހިއްސާ ކުރުމުގެ ކުރީގައި އަޅުގަނޑުމެން ބޭނުން ކައުންސިލުގަ މިކަމާއި ގޫޅެގޮތުން މަޝްވަރާކޮށްލަން "

މިއެދުމަށް ރިޔާސަތުން ދެއްވި ޖަވާބުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމުގައެވެ.

"15 އަހަރުވެގެން މިދިޔައީ މިކަން މިކައުންސިލުން ނުކޮށް އޮންނަތާ ، ނަމަވެސް މިހާރު މިވަނީ މިމަސައްކަތް ، މުޅިން އެއްކޮށް ނިންމާލެވިފަ ، މިތަނުގައި ރެކޯޑް ބެލެހެއްޓިފައިވަނީ އެންމެ ރަނގަޅަށް ނޫންކަން އަޅުގަނޑުވެސް ގަބޫލު ކުރަން . އެހެންކަމުން ތި އެދިއްލެއްވި ގޮތައް މި ދަފްތަރު ކައުންސިލަރުންނާއި ހިއްސާކުރުމަށް ވަކި ޖަލްސާއަކަށް ކޯލް ކޮއްލާނަން "

މޭޔަރ އާދަމް އާޒިމް ވިދާޅުވީ މާލެ ސިޓީގެ ދަފްތަރުގެ މަސައްކަތަކީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތެއްކަމަށާއި މޭޔަރުގެ މަސައްކަތް މުޅިން ނިންމާލެވިފައިވާއިރު ކައުންސިލަރުންގެ ފަރާތުން ލިބެންވާ އެއްބާރުލުން ދެއްވަވަން ވާނެކަމަށެވެ. ލާމަރުކަޒީ ގާނުނު ވުޖޫދުވެ މިއަދާ ހަމަޔަށް ހިނގަމުން އައިއިރު ނުވެއޮތް މި މަސައްކަތް ނިންމާލެވި ރައްޔިތުންނާ ހަމަޔަށް ފޯރުކޮއްދެވުމުން މިކަމުގެ ރީތި ނަން ލިބޭނީ ހަމަ ކައުންސިލަރުންކަމަށް ވިދާޅުވިއެވެ. ޖަލްސާ ނިންމަވާލުމަށްފަހު އެދުވަހުގެ މެންދުރު ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މޭޔަރ އާދަމް އާޒިމް "ލޭންޑް އިންފޮމޭޝަން ސިސްޓަމް" އާންމު ކުރެއްވީ ބިމުގެ ދަފްތަރު އުނިކުރުމަށް ފަހުގައެވެ.

"ލޭންޑް އިންފޮމޭޝަން ސިސްޓަމް" އަކީ އެތަނެއްގެ ބިމާއި ގުޅުން ހުރި ނިންމުންތައް ނިންމުމާއި، ޕްލޭންކުރުމާއި، ގައުމެއް ނުވަތަ އެރަށެއްގެ ތަރައްޤީއަށް އެހީތެރިވުމަށްޓަކައި ބިމާ ގުޅުންހުރި މަޢުލޫމާތުތަކާއި ބިމުގެ ދަފްތަރު ހިމަނައިގެން ހެދޭ އޮނިގަނޑެކެވެ.

1 އޮކްޓޯބަރ 2025 ގައި އާންމު ކުރި މި ސިސްޓަމް ތެރެއިން މިހާރު މާލެ ސިޓިގެ މީހުން ދިރިއުޅޭ ގެތައް ހިމެނޭ ބިންތަކާއި، ސިޓީ ކައުލްސިލަށް ނިސްބަތްވާ ޕްލޮޓްތަކާއި، ކުންފުނިތައް އަދި ދައުލަތުގެ ވުޒާރާތަކައި މުނިސިޕަލް ކަންކަމަށް ހާއްސަ ކުރެވިފައިވާ ޕްލޮޓްތައް ސާފުވާނެހެން ފެންނަން އެބަހުއްޓެވެ. ދުއްވާ އުނޅަދުތައް ޕާކުކުރުމަށް ކުއްޔަށް ދެވިގެނާއި، ވަކި ފަރާތަކަށް ހާއްސަނުކޮށް ހުރި ޕާކިންތައް އިތުރުން މާލޭގެ ގެތައް ހިމެނޭ ކޮށިތައް ވަކިވަކިން ފެންނަން އެބަހުއްޓެވެ. މާލޭގެ އަވަށްތައް ބެހިފައިވާ ގޮތް ބަލާލެވެން އެބަހުއްޓެވެ . މީގެއިތުރުންވެސް ތަފާތު ގިނަ މައުލުމާތު ހިމެނޭ މި ނިޒާމު މާލެ ސިޓީއިން އާންމު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ބިމުގެ ދަފްތަރަކީ "ލޭންޑް އިންފޮމޭޝަން ސިސްޓަމް" ގައި ހިމެނޭ އެންމެ މުހިއްމު ބޮޅެވެ. ކުރިޔަށް އޮތް ތަނުގައި ކޮންމެ ބޭފުޅަކަށްވެސް ވަގުތުން ބަލާލެވޭ މި ސިސްޓަމް ފުރިހަމަ ވުމަށް ބޭނުންވާ އެންމެ މުހިންމު އެއް މައުލުމާތެވެ. މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި ބިންތަކުގެ ތަފްސީލު އިނގޭނޭ ކުރެހުމެކެވެ. ސަރުކާރަށް ދޫކުރެވިފައިވާ ބިންތަކާއި ވިޔަފާރި އުސޫލުން ދޫކުރެވިފައިވާ ބިންތަކެވެ. ރައްޔިތުންގެ ބޭނުންތަކަށާއި އިޖުތިމާއި ބޭނުމަށް ހާއްސަ ކުރެވިފައިވާ ބިންތަކެވެ. ސިނާއީ މަސައްކަތް ތަކަށާޢި ވިޔަފާރިތަކަށް ދޫކުރެވިފައިވާ ބިންތައް މި ދަފްތަރުގައި ހިމެނެއެވެ.