ކަނބަލުން ކުރައްވާ، އިޚުލާޞްތެރި، މުރާލި، ނިޔަނެތި، ބުރަ މަސައްކަތާ މެދު ފުންކޮށް ވިސްނައިފި ކޮންމެ ބޭފުޅަކަށް، އެ ކަނބަލުންގެ ޤުރުބާނީގެ މަތިވެރިކަން ވަޒަންކުރެވޭނެ ކަމަށް މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ހުރިހާ އަންހެން ކަނބަލުންނަށް، އަދި ވަކިން ޚާއްޞަކޮށް މާލެ ސިޓީގެ އަންހެން ކަނބަލުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި މީސްމީޑިއާގައި ޝާއިޢުކުރެއްވި މެސެޖެއްގައެވެ.
މޭޔަރ ޢާޒިމްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހި މުޖުތަމަޢަކީ ގެވެހި ދިރިއުޅުމުގައާއި ޤައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެން ކަނބަލުންގެ ބައިވެރިވުމާއި ޙިއްސާ ވަރަށް މަތީ ދަރަޖައަކަށް އޮތް ޤައުމެކެވެ. މިއީ ނުހަނު އުފަލާއެކު ފާހަގަކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

" މި ގޮތުން އަންހެނެއްގެ ޙައިސިއްޔަތުން، އަނތްބެއްގެ ޙައިސިއްޔަތުން، އަދި ވަކިން ޚާއްޞަކޮށް، މަންމައެއްގެ ޙައިސިއްޔަތުން، އެ ކަނބަލުންގެ ޤުރުބާނީގެ މަތިވެރިކަން ވަޒަންކުރެވޭނެ." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
ދިވެހި ލޮބުވެތި އަދި ލޭފަވެތި ކަނބަލުންނަށް ހުރިހައި މައިދާނެއްގައި، ހުރިހައި ގޮތަކުން ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން، މޭޔަރ ވަނީ ކަނބަލުންނަށް ޚާއްޞަކޮށްފައިވާ ޅެމެއްވެސް ޝާއިޢުކުރައްވާފައެވެ. އެ ޅެމުގައި ވިދާޅުވެފައިވަނީ:
"މުރާލި ގެވެހި އަމާނަތްތެރި ލަތީފު އަނބިންގެ ޚިދުމަތަކީ
ފުރާނަ އެ ޙައްޤުގައި ޤުރުބާން ކުރުން ވެސް ޙައްޤު ޚިދުމަތަކޭ
ދަލާ ކަރުނައިގެ އަސަރުން ވެސް ޔަޤީންވޭ އެ ކަނބަލުންގެ މާތް
ބަލާއިރު އެ ކަމަކީ ވެސް އިންތިހައި ދަރަޖައިގެ ލައްޒަތަކޭ"
މޭޔަރ ޢާޒިމްގެ މި މެސެޖަކީ ދިވެހި އަންހެނުންގެ މަސައްކަތްތަކަށް ހިތްވަރުދީ، އެކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވި މެސެޖެކެވެ.
