ދެވިނަމަގު މއ. ހިތިލާގެ ގުދަނުގެ ވެހިކަލްތަކަށް މުދާ ބަރުކުރުމަށާއި ބޭލުމަށް ހާއްސަކޮށްފައިވާ ހުސްޖާގައަށް އާންމުން ކުނިއަޅާ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
މި ސަރަހައްދަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ކުނިއަޅާ މައްސަލަ ތަކުރާރުކޮށް ކައުންސިލަށް ދަނީ ހުށަހަޅަމުންނެވެ. މިކަމަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
މި މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އަންނަނީ އެ ސަރަހައްދަށް ކުނިއަޅާ މީހުން ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުންނެވެ.
މި ސަރަހައްދަށް ކުނިއެޅުން މުޅިން ހުއްޓުވުމަށްޓަކައި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން މިހާރު އަންނަނީ އެ ސަރަހައްދުގައި ތިބެގެން ޑިއުޓީ ކުރަމުންނެވެ. މިއީ އެ ސަރަހައްދު ވިލަރެސްކޮށް، ކުނިއަޅާ ފަރާތްތައް ވަގުތުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
މާލޭގެ މަގުތަކާއި ހުސްޖާގަތަކަށް ކުނިއެޅުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވާއިރު، މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
