މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 08 ޖޫން 2026


މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހައި ރައްޔިތުން އެއްބާރުލުންދެއްވުމަށް ކައުންސިލުން އެދިއްޖެ

މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަންތަނުގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް، މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލުން ބުނިގޮތުގައި، މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި، ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ދަނީ އާންމުކޮށް، ކުނި ބަހައްޓާ ސަރަހައްދުތައް ދެނެގަނެ، އެ ތަންތަން ފާހަގަކުރަމުންނެވެ.

މަގުތަކުގައި ކުނި ބެހެއްޓުމުގެ ސަބަބުން މަގުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ ތަކެއްޗަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން، މަގުތަކުގައި ހުންނަ ކާނުތަކަށް ކުނި އެޅި ކާނުތައް ބެދުމަކީ، ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު އުނދަގުލެއްގެ ގޮތުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މާލެ ސަރަހައްދުގައި ކުނި އުކާލުމަށް ޚާއްޞަ ތަނެއް ގާއިމްކޮށްފައިވާއިރު، އާންމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. މިކަން ހުއްޓުވުމުގެ ގޮތުން، މަގުތަކަށް ކުނި އަޅާ ފަރާތްތައް ހޯދައި، އެ ފަރާތްތައް ޖޫރިމަނާ ކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ވެސް ދަނީ ކުރަމުންނެވެ. މިއީ ތިމާވެއްޓާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޓަކައި އަޅަމުންދާ ފިޔަވަޅެއް ކަމަށް ކައުންސިލުން ބުނެއެވެ.

މަގުތަކަށް ކުނިއަޅާ މީހުންގެ ތެރޭގައި ބިދޭސީން ހިމެނޭކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އެހެންކަމުން ގެ ތަކުގައި މެއިޑުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީންނާއި އަދި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް، މި ނާތަހުޒީބު ޢަމަލު ހުއްޓާލުމަށް ބާރު އަޅައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދެއެވެ.

މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ މާލޭގެ ކޮންމެ މަގެއް ވެސް، ހިތްފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ މަގަކަށް ހެދުމެވެ. މި މަޤްޞަދު ޙާޞިލްކުރުމަށް ޓަކައި، ކުނި މެނޭޖުކުރުމުގައި ހުރިހައި ފަރާތްތަކަކުން ވެސް ޒިންމާދާރުވުމަށް، ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.