މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް17 ޖޫން 2026


ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިދުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގައެވެ.

ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން ބުނެފައިވަނީ، މި މައްސަލައިގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައުސިންގ މިނިސްޓްރީން ވެސް އެ ބިން ހަވާލުކުރުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވައިފައި ކަމަށެވެ. އެހެން ނަމަވެސް އެ ތަނަކީ، ނިމިދިޔަ ދައުރުގައި އެ ތަން ތަރައްޤީ ކުރުމަށް ދެ ކުންފުންޏަކަށް އެގްރީމެންޓް ކޮށްފައިވާ ތަނެއް ކަމުން، އެ ކޮންޓްރެކްޓް ބާޠިލް ކުރުމަށް ފަހު މެނުވީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރ ޢާދަމް ޢާޒިމް ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ ހުރިހައި މަޢުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ޙިއްސާ ކޮށްފައިވާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

"އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާޠިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ. އެހެން އޮތް ކަމެއް، އެ ބޭފުޅުންނަށް އެނގިތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާ ވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިންގ މިނިސްޓަރ ސޮއި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ޤާނޫނާ ޚިލާފު ޢަމަލެއް. މި ކަމުން ސަރުކާރު އިތުރަށް ބަދުނާމުވަމުން އެ ދަނީ. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިގެން ދަނީ" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ޖަލްސާގައި، މި މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުއްވި ސިޓީ ވަނީ ހަމާކުރައްވާފައެވެ. އެ ސިޓީގައި، ކައުންސިލުން ދެ ފަހަރެއްގެ މަތިން އެގްރީމެންޓް ކުރެވުނު ގޮތުގެ ތަފްސީލު ބަޔާންކޮށްފައިވެއެވެ. އަދި މި ރޮޖެކްޓް އޭރުގެ ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދިއުމަށް ނިންމުމުން، އެ ޕްރޮޖެކްޓާ ގުޅޭ ލިޔެކިއުންތައް ހައުސިންގ މިނިސްޓްރީއަށް ގެންގޮސްފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެ ލިޔެ ކިއުންތައް ގެންގޮސްފައިވަނީ، އުސޫލްތަކާ ޚިލާފަށް ކަން ވެސް މި ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުންތައް ބާޠިލް ކުރުމަށް ފަހުގައި ކަމަށާއި، ޤާނުނީ ގޮތުން މި މައްސަލައާއި ގުޅުން ހުރި އެތައް ކަމެއް އެ ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ހައުސިންގ މިނިސްޓްރީއާ ބައްދަލުކޮށް، މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ހައުސިންގ މިނިސްޓްރީން މި ކަމަށް އެއްބާރުލުން ލިބެންދެން މަސައްކަތް ހުއްޓައިނުލައި ކުރިޔަށް ގެންދިއުމަށް ވެސް، ކައުންސިލަރުން ވަނީ ނިންމާފައެވެ.

މާލެ މާސްމާރުކޭޓަކީ، ވަރަށް ބޮޑަށް ވިރާނާވެފައިވާ ތަނެއް ކަމަށާއި، ރަނގަޅު ފެންވަރުގައި، ވީހާ ވެސް އަވަހަށް ތަރައްޤީކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.