ޗާންދަނީމަގުގެ އޯކިޑުމަގުން ފެށިގެން ބޮޑުތަކުރުފާނު މަގާ ގުޅޭ ސަރަހައްދު، ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މި ބަދަލަކީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުޔެއް ދިނުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ގޮތަށް ނިންމީ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާތީ، އެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށެވެ. މަގު ހެދުމުގެ މަސައްކަތުގެ ސަބަބުން ތޮއްޖެހުން ބޮޑުވެ، ޢާންމުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ވެސް ކައުންސިލަށް ދަނީ ލިބެމުންނެވެ.
މި ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެނެސްފައި ވަނީ، ޓްރެފިކް ފުލުހުންގެ އެދުމުގެ މަތިންނެވެ. ޓްރެފިކް ފުލުހުން މި ކަމަށް އެދުނީ، މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ދަތިތަކެއް ކުރިމަތިވަމުންނާތީއެވެ.
މި ބަދަލަށް ޢަމަލުކުރާނީ ބޮޑުތަކުރުފާނު މަގުން މިހާރު ބަންދުކޮށްފައިވާ ސަރަހައްދުގެ ހަދައި ނިމިގެން އަލުން ހުޅުވުމާ ހަމައަށެވެ.
