މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މީގެ ކުރިން ވެސް ކައުންސިލުންވަނީ މި ފަދަ ތަންތަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އަންގާފައެވެ. މިފަދަ ތަންތަން ފާހަގަވާނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް، ފޮޓޯ އާއި ވީޑިއޯ ފޮނުވައިދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މާލޭގެ މަގުތަކަށް ޚާއްޞަކޮށް ޕޭމަންޓްމައްޗަށް ފެން ތިކި ޖަހަނީ، ޢިމާރާތްކުގައި ހަރުކޮށްފަ ހުންނަ އޭސީ ހޮޅިތަކާއި ދިޔަދޮވި ހޮޅިތަކުންނެވެ. މި ކަމުގެ ސަބަބުން ހިނގައިބިނގާވެއުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ވަރަށް ބޮޑަށް އުނދަގޫވާކަން ކައުންސިލުން ފާހަގަކުރެއެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް މާލޭގެ މަގުތަކަށް ފެންތިކި ޖަހާ ގޮތަށް ހުރި ތަންތަން ފާހަގަކޮށް، އެ ތަންތަން ރަނގަޅުކުރަން އަންގައިފައިވާނެ ކަމަށެވެ. ނަމަވެސް، އަނެއްކާ ވެސް މި ކަންކަން ތަކުރާރުވަމުންދާތީ، ރައްޔިތުންގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ އިތުރަށް ވިދާޅުވީ، މާލެއަކީ، އެންމެނަށް ވެސް ދިރިއުޅެވޭ ކަހަލަ ހިތްފަސޭހަ ތަނަކަށް ހެދުމަށް މި ފަދަކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ދިނުން ވަރަށް މުހިންމު ކަމަށެވެ. "ޢިމާރާތްތަކުން ފެން ތިކި ޖަހާ މައްސަލަ އަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއް، މި ފަދަ މައްސަލަތައް ހައްލުކުރުމަށް ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" މޭޔަރ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ޓަކައި، ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ޢާންމު ރައްޔިތުންގެ ފަރާތުން މަޢުލޫމާތާއި އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.
