މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 ޖުލައި 2026


ކައުންސިލްތަކުގެ ބާރުވެރިކަމާއި ވަސީލަތްތައް އިތުރުކުރުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި: މޭޔަރ ޢާޒިމް

ކައުންސިލްތަކަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަށްޓަކައި، ކައުންސިލްތަކުގެ އަމިއްލަ ބާރުވެރިކަމާއި، ގާބިލުކަމާއި، ވަސީލަތްތައް އިތުރަށް ވަރުގަދަކުރުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީ ހޯލުގައި މިހާރު ކުރިއަށްދާ މި އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ރަށްރަށުގެ ބޭނުންތަކާއި އިސްކަންދޭ ކަންކަމަށް އިޖާބަދިނުމަށް ކައުންސިލްތަކަށް ބާރުވެރިކަން ލިބި، ޑިމޮކްރަސީ ވަރުގަދަވެފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރުމަށް ކުރާ ދަތުރު އަދި ނިމުމަކަށް ނާދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލާމަރުކަޒީ ގާނޫނަށް، ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން، އެ ގާނޫނުން ކައުންސިލްތަކާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އަމަލީ ގޮތުން ވަނީ ހުރަސްތަކެއް ކުރިމަތިވެފަ،" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލުކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހަމައެކަނި ޒިންމާތައް ހަވާލުކުރުމުން ނުފުދޭނެ ކަމަށާއި، އެ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މިނިވަންކަމާއި ވަސީލަތްތައް ވެސް ކައުންސިލްތަކަށް ލިބިދޭންޖެހޭނެ ކަމަށެވެ. އަދި ގާތްގަނޑަކަށް މުޅި އަހަރު ދުވަހު، ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަން އޭނާ ފާހަގަކުރެއްވިއެވެ.

މޭޔަރ ޢާޒިމް ވަނީ، ލާމަރުކަޒީ ނިޒާމު އިތުރަށް ކުރިއަރުވައި، ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މި ނިޒާމުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާ ހިތްވަރަކާއެކު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.