މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބާޒާރުމަތީގެ ޕޭވްމަންޓްމަތީ މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވައި، އެ ސަރަހައްދުތައް ސާފުކުރުމުގެ އޮޕަރޭޝަނެއް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.
މި މަސައްކަތުގެ ދަށުން މައިގަނޑު ގޮތެއްގައި ބަލައިފައިވަނީ، ބާޒާރުމަތީ ވަދުފޮށި ކަންމަތި އަދި ޒައިތުއްމާ ކުރިމަތީގައި އޮންނަ ޕޭވްމަންޓް ސަރަހައްދެވެ. އެ ސަރަހައްދުގައި މުދާ ބަހައްޓައިގެން ވިއްކާ ފަރާތްތައް ހުއްޓުވުމުގެ އިތުރުން، އެ އެ ސަރަޙައްދަށް ޖަމާކޮށްފައި ހުރި ކުނި ނަގައި މުޅި ސަރަހައްދު ވަނީ ސާފުކޮށްފައެވެ.
މީގެ އިތުރުން، ޢާއްމުކޮށް ކުނި ބަހައްޓައިފައި ހުންނަ ސަރަހައްދެއް ކަމަށްވާ، އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިން ވެސް ވަނީ، ގިނަ ޢަދަދެއްގެ ކުނި ނަގައި ސާފުކޮށްފައެވެ. މިއީ މަގުމަތީގެ ތަރުތީބު ހިފެހެއްޓުމަށާއި ހިނގައިބިނގައިވެ އުޅޭ މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރެވުނު މަސައްކަތެކެވެ.
މާލޭގެ މަގުތަކަކީ އާންމުންނަށް އުނދަގޫނުވާނެ ފަދަ ތަންތަނަށް ހެދުމަށް ޓަކައި ކަމާބެހޭ އިދާރާތަކުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި މި ފަދަ ހަރަކާތްތައް ސިލްސިލާކޮށް ހިންގަމުންނެވެ.
