މާލެ ސިޓީ ކައުންސިލްގެ ފްލެޓްސް އެންޑް އެސެޓް މެނޭޖްމަންޓްގެ ފަރާތުން، މާލޭގެ މިސްކިތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލުކޮށް، މިސްކިތްތަކުގެ މަސައްކަތް ވީހައި ފުރިހަމައަށް އަވަހަށް ކުރުމަށް ކުރަންޖެހޭ ކަންތައްތަކާބޭހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ މިސްކިތްތަކުގެ ހާލަތު ބަލައި، މިސްކިތްތައް ސާފުކުރުމާއި، މަރާމާތުގެ މަސައްކަތް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމެވެ.
މި ބައްދަލުވުމުގައި މިސްކިތްތައް ބެހެލެއްޓުމުގެ މަސައްކަތް ކުރުމަށް މިހާރު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މާލެ ސިޓީ ކައުންސިލުން އަމާޒު ހިފާފައިވަނީ މިސްކިތްތަކަކީ ޢާންމުން ހިތްހަމަޖެހޭ ފަދަ ފެންވަރެއްގައި ބެލެހެއްޓޭ ތަންތަން ކަމުގައި ހެދުމެވެ.
މާލޭގެ މޭޔަރ އާދަމް ޢާޒިމްގެ އިރުޝާދުގެ ދަށުން، ސިޓީ ކައުންސިލުން ދަނީ މިސްކިތްތަކުގެ ފެންވަރު މަތިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންނެވެ. މޭޔަރުގެ ޚާއްޞަ އިސްނެންގެވުމާއެކު، މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަކީ ކައުންސިލުން އެންމެ އިސްކަންދޭ އެއް މަސައްކަތެވެ.
އެ ގޮތުން ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ވަނީ، މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން، މިސްކިތްތަކަކީ ނަމާދަށްދާ މީހުންނަށް ހިތްހަމަޖެހޭ ފަދަ ތަނަކަށް ހެދުމަށް ޓަކައި، ގިނަ މިސްކިތްތަކެއްގައި މަރާމާތުގެ މަސައްކަތްތައް ކޮށް ވަނީ ނިންމައިފައެވެ.
މިސްކިތްތަކުގެ ފެންވަރު ރަނގަޅުކޮށް، ސާފުތާހިރުކޮށް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުންދާނެއެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމާއި، މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރ ކުރުން ހިމެނެއެވެ.
