ތ. މަޑިފުށި ކައުންސިލަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ނަމޫނާ ކައުންސިލެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިހެން ވިދާޅުވީ މަޑިފުށި ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އާއި ކައުންސިލްގެ މެންބަރުން މާލެ ވަޑައިގެން މޭޔަރާ ބައްދަލުކުރެއްވުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ މިއަދު މާލެ ސިޓީ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރ ޢާޒިމް ވިދާޅުވީ، މަޑިފުށި ކައުންސިލްގެ ރައީސް އާއި މެންބަރުން މާލެ ވަޑައިގެން ބައްދަލުކުރެއްވި ކަމަށްޓަކައި އެ ބޭފުޅުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަޑިފުށި ކައުންސިލުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދައްކަމުންދާ ނަމޫނާ މޭޔަރ ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލާއި މަޑިފުށި ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކައުންސިލްތަކުގެ މެންބަރުންނާ ބައްދަލުކުރަން ލިބޭ ކޮންމެ ފުރުޞަތަކީ ނުހަނު އުފަލާއެކު ބަލައިގަންނަ ފުރުޞަތެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
