މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 15 ޖުލައި 2026


ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުޞަތު އެޗްޑީސީއިން ނުދިން

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިހުމާލުވަމުންދާތީ، އެކަމާ މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ފުރުޞަތު އެޗްޑީސީން ނުދިން ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި މައްސަލަ ޙައްލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން އެ ފުރުޞަތު ދީފައެއް ނުވެއެވެ.

މޭޔަރާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ، ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާއި އެފްޑީސީގެ ފްލެޓްތަކާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެންނެވެ.

މި މައްސަލައަކީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހެޅުއްވި މައްސަލައެކެވެ.

މިކަމާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، "އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރަން ދިޔައީ ފްލެޓްތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ނުލިބޭ މައްސަލަ ކައުންސިލަށް ހުށަހެޅުމުން އެ ކަމާ މަޝްވަރާކުރުމަށް. ނަމަވެސް އެ ފުރުޞަތު ނުލިބުނު. މި އަދު ފުރުޞަތު ނުލިބުނަސް، މި މައްސަލަ ޙައްލުވަންދެން އެޗްޑީސީއަށް ދާނަން" ކަމަށެވެ.

މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވި ކައުންސިލަރު ޒަހިއްޔާ ވިދާޅުވީ، އެޗްޑީސީން މި މައްސަލަ ޙައްލުކޮށްނުދޭނަމަ އަދިވެސް އެ ކުންފުންޏަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ދެން އެޗްޑީސީއަށް ވަޑައިގަންނަވާނީ މި ދަތިތައް ތަޙައްމަލްކުރަމުންދާ ރައްޔިތުންނާ އެކުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ސިޓީ ކައުންސިލުން ދަނީ މިކަމުގައި އެޗްޑީސީގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.