މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް15 ޖުލައި 2026


މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރިންނަށް އެމް.އާރު ވެކްސިން ޖަހައިފި

މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރިންނަށް އަމާޒުކޮށްގެން އެމް.އާރު (މީސަލްސް އެންޑް ރުބެއްލާ) ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

މިއަދު ހެނދުނު މާލެ ސިޓީ ހޯލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ކައުންސިލްގެ މުވައްޒަފުންގެ ސިއްހަތަށް ލިބިދާނެ ގެއްލުމަކަށް ބަލައި، ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.

މި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ އެހީތެރިކަމާއެކުގައެވެ.

މި ޕްރޮގްރާމް އިންތިޒާމް ކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ އެ އެޖެންސީއަށް ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ މައިގަނޑު މަގްސަދަކީ މުވައްޒަފުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެ މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ. އަދި މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބަލިތައް ފެތުރުން ހުއްޓުވުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެކެވެ.