މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 22 ޖުލައި 2026


އޮޑިޓް އެންޑް ރިސްކް މެނޭޖްމަންޓް ކޮމެޓީގެ ޗެއަރއަކަށް ކައުންސިލަރު ޝިފާނާ އައްޔަންކޮށްފި

މާލެ ސިޓީ ކައުންސިލްގެ އޮޑިޓް އެންޑް ރިސްކް މެނޭޖްމަންޓް ކޮމެޓީގެ ޗެއާޕާސަންގެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ޙައްވާ ޝިފާނާ މިއަދު އައްޔަންކޮށްފިއެވެ.

މި ގޮތަށް ނިންމާފައިވަނީ، ބުދަ ދުވަހު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

މި ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، އޮޑިޓް ކޮމިޓީގެ ޗެއާގެ މަޤާމުގައި ކުރިން ހުންނެވި ބޭފުޅާ އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން ކައުންސިލަރު ޝިފާނާ އެ މަޤާމަށް އައްޔަންކުރުމަށް މޭޔަރ ޢާޒިމް ވަނީ ހުށަހަޅުއްވާފައެވެ.

މޭޔަރ ޢާޒިމްގެ މި ހުށަހެޅުއްވުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އޮޑިޓް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރު އަޙުމަދު ސަނީޙް ޙަނީފް ހިމެނުމަށެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމެވެ. އިސްމާޢިލް ހަލީމަކީ މިހާރު ވެސް އެ ކޮމިޓީގެ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.

ކައުންސިލަރު ޝިފާނާ، އޮޑިޓް ކޮމިޓީގެ ޗެއާގެ މަގާމަށް އައްޔަންކުރުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންވަނީ ފާސްކޮށްފައެވެ.

މި ނިންމުމާއެކު ކައުންސިލްގެ އޮޑިޓް އަދި ރިސްކް މެނޭޖްމަންޓް މަސައްކަތްތައް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.