މއ. ރަޝީދާމަންޒިލާ އިންވެގެން ހުރި ގެއިން އެ ގެއަށް ފެންފައިބަމުންދާ މައްސަލައާ ގުޅިގެން، އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެގެއަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި މޭޔަރ ޢާޒިމް ވަނީ ރަޝީދާމަންޒިލްގައި ދިރިއުޅޭ އާއިލާއާ ބައްދަލުކުރައްވައި، ފެން ފޭބުމުގެ ސަބަބުން އެގޭގެ އިމާރާތަށާއި ދިރިއުޅުމަށް ކުރިމަތިވަމުންދާ ދަތިތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބުތަކާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެގޭގައި ދިރިއުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރެއްވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، އާންމު ރައްޔިތުން ދިރިއުޅޭ ގޭގެއަށް މިފަދަ މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަކީ މާލެ ސިޓީ ކައުންސިލުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި ޖެހިގެން ހުރި ގެއިން ފެންފައިބާ މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރ ޢާޒިމް ވަނީ ދެއްވައިފައެވެ.
މި މައްސަލައަކީ އެގޭގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަކަށްވާތީ، ވީހާވެސް އަވަހަށް މައްސަލަ ހައްލުކުރުމަށް ކުރެވޭނެ މަސައްކަތްތައް ކައުންސިލުން މިހާރު ދަނީ ބަލަމުންނެވެ.
