މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 23 ޖުލައި 2026


މާލޭގެ ދެ މިސްކިތެއްގެ ފަންގިފިލާގައި ނޮވިލޯން އެޅުމަށް ބީލަމަށް ހުޅުވާލައިފި

މަސްޖިދު ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) އަދި މަސްޖިދު ޖަލާލުއްދީންގެ ފުރަތަމަ ފަންގިފިލާގައި ނޮވިލޯން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލާފައެވެ.

މި ދެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުއެވެ. މަސްޖިދު ޖަލާލުއްދީންގެ މަސައްކަތަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ އެދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ވިޔަފާރިވެރިންގެ މިސްކިތުގެ މަސައްކަތަށް މަޢުލޫމާތު ސާފުކުރުން އޮންނާނީ މެންދުރު 12:00 ގައެވެ. މަޢުލޫމާތު ސާފުކުރުން ކުރިއަށްދާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލް ހޯލްގެ މީޓިން ރޫމްގައެވެ.

އަގު ހުށަހެޅުން ނުވަތަ ބިޑް ހުށަހެޅުން އޮންނާނީ 06 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުއެވެ. މަސްޖިދު ޖަލާލުއްދީންގެ ބިޑް ހުށަހެޅުން ހެނދުނު 10:00 އަށް ތާވަލުކޮށްފައިވާއިރު، ވިޔަފާރިވެރިންގެ މިސްކިތުގެ ބިޑް ހުށަހެޅުން އޮންނާނީ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުންތައް ވެސް އޮންނާނީ މާލެ ސިޓީ ކައުންސިލްގެ ހޯލްގައެވެ.

މި މަސައްކަތުގެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކާއި، ލޯކަލް އިންވެސްޓްމެންޓްތަކުގެ އިތުރުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކައުންސިލުން ބަޔާންކޮށްފައިވާ ގޮތުގައި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. އަދި ގަޑިޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ މިސްކިތްތައް ރީތިކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން މިސްކިތް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.