އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބާލާސުބްރަމާނިއަން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ 23 ޖުލައި 2026ވީ ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުވުމުގައި މޭޔަރ އާދަމް ޢާޒިމް ވަނީ މުއައްސަސާތަކުގެ ސިޔާސީ ހިންގުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދައުރުގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި މޭޔަރ ވަނީ ހައި ކޮމިޝަނަރަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން، ދެ ފަރާތުގެ ޕާޓްނަރޝިޕްގެ ދަށުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ތަމްރީނު ބޭނުންވާ ދާއިރާތައް މޭޔަރ ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ މި ދައުރުގައި އެންމެ އިސްކަމެއް ދެއްވާނީ ކައުންސިލްގެ ގާބިލުކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކަމަށެވެ. މިގޮތުން ކުރު މުއްދަތުގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ޕްރޮފެޝަން، އަދި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ޕްރީ-ސްކޫލް ޓީޗަރުންނާއި ސެން ޓީޗަރުން ތަމްރީނުކުރުމުގެ މުހިންމުކަން
މޭޔަރ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ސަފީރު ވަނީ މޭޔަރ ޢާޒިމް އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ދަންނަވާފައެވެ. އަދި އައިޓެކް (ITEC) ގެ ދަށުން މިހާރުވެސް ކޯސްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އިތުރު ތަމްރީނު ފުރުސަތުތައް ފޯރުކޮށްދެވިދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ނިމިދިޔަ އަހަރު އައިޓެކް މެދުވެރިކޮށް 14 މުވައްޒަފުން ތަމްރީނުކޮށްފައިވާއިރު، މިއަހަރު ގުޑް ގަވަރނަންސްގެ ދާއިރާއިން އެކަކު ވަނީ ތަމްރީނުކުރެވިފައެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ މުނިސިޕަލް ކޯޕަރޭޝަންތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު 'ސިސްޓަރ ސިޓީ' ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ޗެންނާއީ ކޯޕަރޭޝަން ފަދަ ތަންތަނާއެކު އެމް.އޯ.ޔޫ ތަކެއްގެ ދަށުން ގުޅުން ބަދަހިކުރުމަށް ސަފީރު ލަފާދެއްވިއެވެ. މީގެ އިތުރުން، އައުޓްޑޯ ޖިމް ސާމާނު ހޯދުމާއި، އާންމު ތަންތަނުގައި 'ފޮތް ކިޔޭނެ ގޮތް ' ގާއިމުކުރުން ފަދަ މުޖުތަމައަށް ފައިދާހުރި މަޝްރޫއުތަކާ ގުޅޭގޮތުންވެސް ވާހަކަދެކެވުނެވެ.
އިންޑިއާގެ ސަފީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސިޓީ ކައުންސިލާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށާއި، ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާ ސަފީރު ވަނީ މާލެ ސިޓީ ކައުންސިލުން އަލަށް ހަދާ އޮފީސް އިމާރާތް ވެސް ބައްލަވާލައްވާފައެވެ.
