ޕްރެސް ރިލީސް

މާލެ ސިޓީ ކައުންސިލް އިދާރާ26 ޑިސެމްބަރ 2022

ރައީސް އޮންރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް 25 ޑިސެމްބަރ 2022 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާމެދު ކަންބޮޑުވުން ފާޅުކޮށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ޤާއިމު ކޮށްދެއްވުމަށް އެދި ނެރޭ ނޫސް ބަޔާން

ނޫސް ބަޔާން

ރައީސް އޮންރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް 25 ޑިސެމްބަރ 2022 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާމެދު ކަންބޮޑުވުން ފާޅުކޮށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް

އިންސާފު ޤާއިމު ކޮށްދެއްވުމަށް އެދި ނެރޭ ނޫސް ބަޔާން

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް ނުހައްޤުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން އިއްވާފައި ވީ ނަމަވެސް އެ ހުކުމް ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ބާޠިލްކޮށް އެ މަނިކުފާނު މިނިވަންވެފައި ވަނިކޮށް އިއްޔެ (25 ޑިސެމްބަރ 2022) އަނެއްކާ މިވަނީ 11 އަހަރުގެ ޖަލުހުކުމެއް އެ މަނިކުފާނުގެ މައްޗަށް ކްރިނިމަކޯޓުން އިއްވާފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް އިއްޔެ (25 ޑިސެމްބަރ 2022) ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ މާލޭ ސިޓީ ކައުންސިލާއި ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާކަމެކެވެ. އަދި އެ މަނިކުފާނުގެ މައްޗަށް މިއިއްވި ހުކުމަކީ ކުރިއަށް އޮތް ދިވެހި ރާއްޖޭގެ ރިއާސީ އިންތިޚާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަކުރެއްވުމަށް ވަރަށް ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުންނެވުމުން، އެ ފުރުޞަތުވެސް އެ މަނިކުފާނުގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއްކަމުގައި ނޫނީ ނުމެވެއެވެ. އެހެނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަކީ މުޅި ދިވެހި ރާއްޖެ އަށާއި ޚާއްޞަކޮށް މާލޭ ސިޓީއަށް ދުވަހަކުވެސް ނުގެނެވޭފަދަ ތަރައްޤީގެ ގިނަގުނަ މަސައްކަތެއް ގުނާ އަދަދު ނުކުރެވޭހާ ގިނައަދަދަކަށް ގެނެސްދެއްވައި، ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ރައީސެކެވެ.

އެހެންކަމުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ކޮށްފައިވާ ހުކުމަކީ މާލޭ ސިޓީ އަށާއި މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެކެވެ. ޝައްކެއްނެތް ގޮތުގައި މި ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއްކަމާއި، ހުކުމްކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއެކުކަން އެނގި ހާމަވެއެވެ. އަދި އިއްޔެ މިކުރެވުނު އިންސާފެއް ނެތް

ހުކުމަކީ އަދުލު އިންސާފުގެ ނިޒާމު ބޮއްސުންލާފައިވާ މިންވަރު ހާމަވެގެންދާ ހުކުމެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގި ހާމަވެގެންދެއެވެ.

އެހެންކަމުން ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މާލޭ ސިޓީ ކައުންސިލުން އަޑުހަރުކޮށް ގޮވާލަމެވެ. އެ މަނިކުފާނަށް ލިބިވަޑައިގެންނެވި މި ހިތާމައިގައި ކެތްތެރިވުމަށާއި އެ މަނިކުފާނަށް ކާމިޔާބީ ދެއްވުމަށް އެދި ދުއާކުރަމެވެ. މި ހުކުމުގެ ސަބަބުން މި ދިވެހި ޤައުމު ވެއްޓިފައި މިވަނީ ފުންއަނދަވަޅަކަށްކަމުން، މިކަމުން އަރައިގަނެ އެމަނިކުފާނަށް އެނބުރި ރައްޔިތުންގެ ޚިދުމަތަށް އައުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވުން އެދި ﷲ ސުބުހާނަހޫ ވަތައާލާގެ ޙަޟުރަތުގައި ދުއާ ދަންނަވަމެވެ.

26 ޑިސެމްބަރ 2022

ގުޅުންހުރި ޑޮކިޔުމެންޓްތައް

BRNB422002DA6E6_20221226_065756_049882 (2)-1672038632242.pdf