ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މުޙައްމަދު ރިޒްވީ ޙަސަން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާ ބައްދަލުކުރައްވައިފިއެވެ. އޮކްޓޯބަރު މަހުގެ 19 ވީ އާދީއްތަ ދުވަހު ބޭއްވި މި ބައްދަލުވުން އޮތީ މާލެ ސިޓީ ހޯލްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ ޢާޒިމް ވަނީ ސަރީލަންކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ޢައްޔަންކުރެވުނުކަމަށް ޓަކައި އަމިއްލަފުޅަށާއި ސިޓީ ކައުންސިލްގެ ފަރާތުން މަރުހަބާ ދަންނަވާފައެވެ. މޭޔަރ ޢާޒިމް ވަނީ މާލެ ސިޓީގެ ޚިދުމަތްތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މާލެއާއި ކޮލޮމްބޯގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ތާރީޚީ އަދި ސަގާފީ ގުޅުން ފާހަގަކުރައްވައި، ދެ ވެރިރަށުގެ މެދުގައި ސިޓީ ފެންވަރުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީއާއި ކޮލޮމްބޯ ސިޓީއާ ދެމެދު "ސިސްޓަރ ސިޓީ" އެއްބަސްވުމެއް ޤާއިމުކުރުމާ މެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ ސިޓީގެ ތަރައްޤީއާއި، ސަގާފަތާއި، ތަޢުލީމާއި އަދި ފަތުރުވެރިކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޤުފަހިކުރުމެވެ. މި މަސައްކަތުގެ ދަށުން ދެ ސިޓީގެ މެދުގައި ސިޓީތަކުގެ ކުރިއެރުމަށާއި ތަރައްޤީއަށް މަސައްކަތް ކުރުމުގައި ބޭނުން ކުރެވޭ އެންމެ މަޤްބޫލް މަސައްކަތްތައް ފާހަގަކޮށް ބަދަލުތައް ގެނައުމަށް މަގުފަހި ވެގެންދާނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްރީލްންކާގެ ސަފީރު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއެކު އެއްބާރުލުން އިތުރުކުރުމަށް ޝްރީލަންކާއިން ދޭ އަހައްމިއްޔަތުކަން ހާމަކުރައްވާފައެވެ. އަދި ސިޓީ ފެންވަރުގައި މިފަދަ ބައިވެރިވުންތަކަކީ ދެ ޤައުމުގެ މުޖުތަމަޢުތަކުގެ މެދުގައި އެކަކު އަނެކަކު ދެނެގަތުމާއި ތަރައްޤީ އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލާއެކު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށާއި ކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށް ދެވެންއޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް ސަފީރުގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
